މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލުމަށް ރައްޔިތުން މަޖިލީހުގައި ނަގައި ވޯޓުގައި އެކަމަށް ނުފެންނަކަމަށް ވޯޓު ދިނުމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުން ނިންމާ ތްރީލައިން ވިޕް ނެރެފި އެވެ.

މީޑިއާ ކައުންސިލްގެ މައްސަލަ މާލިއްޔަތު ކޮމެޓީން ދިރާސާކުރުމަށް ފަހު ނިންމާފައި ވަނީ އެ ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކޮށްފައި ނުވާތީ އެ ކައުންސިލް އުވާލާ އެ މަސްއޫލިއްޔަތުތައް މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނާ ހަވާލުކޮށް އެކަމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެނައުމަށެވެ. އެ ރިޕޯޓު މާދަމާ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ވަނީ އެޖެންޑާކޮށްފަ އެވެ.

ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ މިރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ނައިބު ލީޑަރު އިލްހާމް އަހުމަދު މިރޭ ވިދާޅުވީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުން މީޑިއާ ކައުންސިލް އުވާލުމަށް ފެންނަ ކަމަށް ނަގާވޯޓުގައި އެކަމާ ދެކޮޅަށް ވޯޓުދޭން ތްރީލައިން ވިޕެއް ނެރެނީ މިރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ ފުރިހަމަ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށެވެ. އިލްހާމް ވިދާޅުވީ އެގޮތަށް ނިންމީ ދައުލަތުގެ ހަތަރުވަނަ ބާރަކީ މީޑިއާ ކަމަށްވެފައި މީޑިއާ ރެގިއުލޭޓް ކުރަން ހަރުދަނާ ބޮޑީތަކެއް ނެތިން މީޑިއާ ޒިންމާދާރުކުރަން އޮތް ބޮޑީއެއް އުވާލަން ނިންމާފައިވާތީ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން މީޑިއާ ރެގިއުލޭޓްކޮށް ޒިންމާދާރުކުރަން އޮތް ބޮޑީއެއް އެ ގޮތަށް އުވާލާކަށް، އެއީ އަދި އެކަމަށް އެންމެ ހަރުދަނާ ބޮޑީތަކެއް ނެތް އިރު އެފަދަ ކަމެއް ކުރުމަކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކަމަށްކަށް ނުވޭ،" ޕީޕީއެމްއަށް މަޖިލީހުގައި ގާނޫނީ ހައިސިއްޔަތު ލިބުނު ފަހުން ނެރުނު ދެވަނަ ވިޕާ ގުޅޭ ގޮތުން އިލްހާމް ވިދާޅުވި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް މި އަހަރަށް އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު މި މަހުގެ 26 ވަނަ ދުވަހަށް ޝެޑިއުލް ކުރުމަށްފަހު އެ އިންތިހާބު ވަނީ އަންނަ މަހު ދިހައަކަށް ފަސްކޮށްފަ އެވެ. މީޑިއާ ކައުންސިލްގައި ހިމެނެނީ 15 މެންބަރުންނެވެ. އެއީ މީޑިއާ އެޖެންސީތަކުން އަށް މެންބަރުންނާއި އާންމުންގެ ފަރާތުން ހޮވާ ހަތް މެންބަރުންނެވެ.