ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މުޙައްމަދު އިބްރާހީމް ދީދީ (ތުއްބީގެ މުހައްމާދީ) އަވަހާރަވެއްޖެއެވެ.

އުމުރުން 86 އަހަރުގައި އޭނާ އަވަހާރަވެފައި ވަނީ، ރޭ ފަތިހުގެ ވަގުތެއްގައި ސ. ހިތަދޫގައެވެ. މުޙައްމަދު އިބްރާހީމް ދީދީއަކީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަދި ސްޓެލްކޯގެ މިހާރުގެ ޗެއާމަން އިބްރާހިމް މުޙައްމަދު ދީދީގެ ބައްޕާފުޅެވެ.

ހިތަދޫއަށް އުފަން މުޙައްމަދު އިބްރާހީމް ދީދީ އަކީ 1964 ވަނަ އަހަރު އައްޑުއަތޮޅު ހިތަދޫ ކުޑަކަތީބުގެ މަގާމާ ހަވާލުވެވަޑައިގެން، ހިތަދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

އެގޮތުން، ސަރުކާރުން އޭރު ހިންގި އުމްރާނީ، އިގްތިޞާދީ، ތައުލީމީ މަޝްރޫޢުތަކުގެ ކަންތައްތައް ބެލެހެއްޓެވުމުގައި އޭނާ ބައިވެރިވެވަޑައިގެންނެވިއެވެ. ހިތަދޫ ބޮޑުކަތީބުކަމުގައި ހުންނެވިއިރު، ހިތަދޫގައި ގާއިމު ކުރި ސ. އަތޮޅު ތައުލީމީ މަރުކަޒު ބިނާކުރީ އޭނާގެ މަސައްކަތްޕުޅުންނެވެ.

މީގެ އިތުރުން އޭނާ އަކީ، ހިތަދޫ ކަތީބުކަމާއި، ހިތަދޫ ބޮޑުކަތީބުކަމާއި، އަތޮޅުވެރިޔާގެ އެހީތެރިޔާކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އޭގެ ފަހުން، ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާކަމާއި، ރާއްޖެތެރޭގެ ވަކީލުކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ.

މުޙައްމަދު އިބްރާހީމް ދީދީ ދައުލަތުގެ ޚިދުމަތުން ވަކިވެވަޑައިގެންނެވީ، 43 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށް ފަހުގައެވެ. ދެހާސް އެކާވީސް ވަނަ އަހަރު އޭނާ ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ވެސް ހާސިލް ކުރައްވާފައެވެ.

މުޙައްމަދު އިބްރާހީމް ދީދީގެ ކަށުނަމާދު އޮންނާނީ ހުކުރު ނަމާދަށް ފަހު ހިތަދޫ، މަސްޖިދުލް އިކްރާމްގައެވެ.