30 Apr 2012, 00:46
ސިޓީ ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ސިނަ މާލޭގެ ފްލެޓްތަކާއި މާލޭ ހިޔާ ފްލެޓްތައް ޕްރައިވަޓޭޝަންގެ އުސޫލުން ވިލޭޖް ކޮންސްޓްރަކްޝަން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާއި ދިހަ އަހަރުގެ މުއްދަތައް ހަވާލުކޮށް އެގްރިމެންޓްގައި މިރޭ ސޮއި ކޮށްފި އެވެ.
ފްލެޓްތަކުގައި ދިރިއުޅޭ ބައެއް މީހުންގެ ނުރުހުން ފާޅުކުރުންތަކާ އެކު ގަލޮޅު މަދަރުސާގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ސްޖާއު (ސުޖާ) އެވެ.
އެގްރިމެންޓްގައި ސޮއި ކުރެއްވުމަށް ފަހު އެ ތަނުގައި ހުންނަވައި ސުޖާ ސަން އޮންލައިން އަށް މިރޭ ވިދާޅުވީ ފުލެޓްތައް ވިލޭޖް ކުންފުންޏާ ހަވާލުކުރީ 10 އަހަރުގެ ދުވަހުގެ މުއްދަތައް މަހެއްގެ މައްޗަށް ދެ ލައްކަ ފަންސާސް ހާސް ރުފިޔާއަށް ކަމަށެވެ. ސުޖާ ވިދާޅުވީ އެ ކުންފުނިން އެތަނުގެ މަރާމާތުގެ ހުރިހާ ކަމެއް ބެލެހެއްޓުމާއި އެތަނުގެ ސެކިއުރިޓީގެ ބެލެހެއްޓުމުގެ މަސައްކަތް 24 ގަޑިއިރު ކުރާނެ ކަމަށެވެ.
"އެ ކުންފުންޏަކީ ގާބިލްކުންފުންޏެއް، އެއީ ކުރިމަތިލީ ފަރާތްތަކުން އެންމެ ރަނގަޅު އެއް ކުންފުންނި، އަޅުގަނޑުމެނަށް ވުރެ މާ ރަނގަޅަށް އެ ބޭފުޅުން އެކަން ކުރާނެ،" ސުޖާ ވިދާޅުވި އެވެ.
މިރޭގެ އެ ރަސްމިއްޔާތަށް ދައުވަތު ދީގެން އައިސްތިބި ފުލެޓްތަކުގައި ދިރިއުޅޭ ބައެއް މީހުން ވަނީ ސްޓޭޖް މައްޗަށް އަރައި ފުލެޓްތައް މިހާރު ބަލަހައްޓަމުންދާ 56 މުވައްޒިފުންގެ ވަޒީފާއަށް ވާނޭ ގޮތެއް ނޭންގޭ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ފަހުން ގްރޫޕަކުން ޖަލްސާ ހިނގަމުން ދިޔަ ހޯލަށް ވަދެ އެކަމާ ދެކޮޅަށް ހަޅޭއްލަވާ ވަނީ އަޑުގަދަ ކޮށްފަ އެވެ. އަދި އެމީހުން ވަނީ މީޑީއާތަކަށް ހުރަސް އަޅައި އިންޒާރުވެސް ދީފަ އެވެ.
މިހާރު ފުލެޓްގައި ވަޒީފާ އަދާކުރާ ސިވިލްސާވިލް މުވައްޒަފަކު ބުނީ އަމިއްލަ ކުންފުންޏަކާ ފްލްޓް ބެލެހެއްޓުން ހަވާލުކުރަން އުޅޭ ކަން އަންގާފައި ނުވާ ކަމަށާއި ދެންކުރިއަށް އޮތްތާންގައި ވަޒީފާ އާއި މެދު އެއްވެސް ޔަގީން ކަމެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެން ކައިރި އަހާވެސް ނުލާ މި ހުރިހާ ކަމެއް މިކުރަނީ އެހެންވެ އަޅުގަނޑު މެނަށް އެއްވެސް ޔަގީން ކަމެއް ނެތް އަޅުގަނޑުމެންގެ ވަޒީފާއާއި މެދު" އޭނާ ބުންޏެވެ.
މި ހަފްލާގައި ނުރުހުން ފާޅު ކުރި ބައެއް މީހުން ވަނީ ފުލެޓްތަކުގެ ހާލަތު ހުރި ގޮތުން އެތަނުގައި އުޅެވެން ނެތް ކަމަށާއި ފްލެޓްތައް މަރާމާތުކޮށް ވީހާވެސް އަވަހަށް އެ މައްސަލަތައް ހައްލު ކުރަންޖެހޭ ކަމަށްވެސް ބުނަމުންނެވެ.
އެ ޝަކުވާތަކާ ގުޅިގެން ސުޖާ މިރޭ ވިދާޅުވީ ފްލެޓްތައް ޕްރައިވެޓައިޒް ކުރިއަސް އެއްވެސް މުވައްޒިފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށާއި އެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"އަޅުގަނޑު މިދާއިރާގައި [ކައުންސިލަރު ކަމުގައި] ހުއްޓައެއް އެއްވެސް ބޭފުޅެއްގެ ވަޒީފާ ގެއްލުނަކަ ނުދޭނަން" ސުޖާ ވިދާޅުވި އެވެ.
މާލޭގެ މޭޔަރު މައިޒާން އަލިމަނިކު އެ ސަރަހައްދުގައި ހުންނަވާ މިރޭ ވިދާޅުވީ އަމިއްލަ ފަރާތަކާ ފްލެޓްތައް ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކުރަން ނިންމީ ފްލެޓު ބޭނުން ކުރާ ފަރާތްތަކަށް މިހާރަށް ވުރެ ރަނގަޅަށް ހިދުމަތްތަކެއް ފޯރު ކޮށްދިނުމަށް ކަމަށާއި އެ ސެކްޝަންގައި މަސައްކަތް ކުރާ މުވައްޒަފުން އެހެން ޑިޕާޓްމެންޓްތަކަށް ބަދަލުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ މުވައްޒިފުންގެ ހައްގުގައި ސިވިލްސާވިސް ކޮމިޝަނާ ވާހަކަ ދައްކާފައި. އެބޭފުޅުން ވިދާޅުވީ ސިޓީ ކައުންސިލްގެ ބައިބަޔަށް މުވައްޒިފުން ބަހާލައި އެ ބެހުނު ގޮތެއް ސިވިލްސާވިސް އަށް އަންގާނަމޭ،" އަލިބެ ވިދާޅުވި އެވެ.
މާދަމާއިން ފެށިގެން މާލޭގެ ފުލެޓްތައް މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރާނީ ވިލޭޖް ކޮންޓްރަކްޝަން ކޮންޕެނީ ޕުރައިވެޓް ލިމްޓެޑުންނެވެ.