މީގެ 15 އަހަރުކުރިން ސްޓާ ޕްލަސްއިން ގެނެސްދިން މަޝްހޫރު ޓީވީ ސިލްސިލާ "ކަހާނީ ގަރް ގަރް ކީ" އަލުން ގެނެސްދިނުމަށް ނިންމައިފިއެވެ.

ރެއިން ފެށިގެން މި ސިލްސިލާގެ އާ ބައިތަކެއް ޓެލެކާސްޓްކުރަންވަނީ ފަށާފައެވެ. ދިގު މުއްދަތަކަށް ޓެލެކާސްޓްކުރި މި ސިލްސިލާ އަލުން ގެނެސްދޭނެކަން އިއުލާނުކޮށްފައިވަނީ ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ އުފަންދުވަހާ ގުޅުވައިގެންނެވެ.

ބަތަލާ ސާކްޝީ ތަންވާރު، ޕާރުވަތީގެ ރޯލްއިން ފެނުނު މި ސިލްސިލާއަކީ އެދުވަސްކޮޅު ޓީއާރްޕީ ޗާޓުގެ އެންމެކުރިން ޖާގަ ހޯދި އެއް ސިލްސިލާއެވެ. ސާކްޝީއާއެކު އެކްޓަރު ކިރަން ކަރުމާކަރު މުހިއްމު ރޯލެއް ކުޅުނު މިސިލްސިލާއަކީ ޢާއިލީ ގުޅުންތަކާއި އާއިލާތެރޭގައި ދިމާވާ މައްސަލަތައް ހައްލުކުރާނެގޮތް ފެނުނު ސިލްސިލާއެކެވެ. މި ސިލްސިލާގެ ކޮންމެ ކެރެކްޓާއަކީވެސް އޭރުގެ ގިނަ ބައެއްގެ މެދުގައި ދެކެ ފަރިތަ ކެރެކްޓާތަކެކެވެ. ޓެލެވިޒަން ސީރީސްތައް ގެނެސްދިނުމުގައި 'ކުއީން'ގެ ލަގަބު ހޯދާފައިވާ ޕްރޮޑިއުސަރު އެކްތާގެ މިސިލްސިލާ ވަނީ އަށް އަހަރު ވަންދެން ދައްކާފައެވެ.

އެކްތާ ކަޕޫރު ގެނެސްދީފައިވާ މަޝްހޫރު ސިލްސިލާތަކުން ގިނަ ގޭގެ ސިޓިންގް ރޫމް ފަޅުފިލުވާލަދީފައިވެއެވެ. އޭގެތެރޭގައި، "ކަސޯޓީ ޒިންދަގީ ކީ"، "ކިއުންކީ ސާސްބީ ކަބީ ބަހޫތީ"، "ކަހީނތޯ ހޯގާ" އަދި "ކުސުމް"ފަދަ ސިލްސިލާތައް ހިމެނެއެވެ.

ދާދިފަހުން ސްޓާ ޕްލާސްއިން "ކަސޯޓީ ޒިންދަގީ ކީ"ގެ އާ ބައިތަކެއްވެސްވަނީ ގެނެސްދީފައެވެ. ޓެލެވިޒަން ސިލްސިލާތަކުގެ އިތުރުން އެކްތާއަކީ ރީތި ފިލްމުތަކެއްވެސް ޕްރޮޑިއުސްކޮށްފައިވާ އަދި މިހާރުވެސް ފިލްމީ މަސައްކަތުގައި ހަރަކާތްތެރިވާ ޕްރޮޑިއުސަރެކެވެ.