ޓެކްނޮލޮޖީއާ ގުޅުން ހުރި އީޖާދީ އުފެއްދުންތެރިކަމުގައި ޔޫރަޕުން އެންމެ ކުރީ ސަފުގައި ފައިހަމަކުރުމަށް ޓަކައި، ތަފާތު ޓެކްނޮލޮޖިކަލް މަޝްރޫއުތަކަށް 8.1 ބިލިއަން ޔޫރޯ (8.7 ބިލިއަން ޑޮލަރު) އެހީގެ ގޮތުގައި ދިނުމަށް ޔޫރަޕިއަން ކޮމިޝަނުން ފާސްކޮށްފިއެވެ.

އީޔޫގެ ވެރިން ބުރާސްފަތި ދުވަހު ވިދާޅުވީ އެއާބަސް ފަދަ ކުންފުނިތަކުގެ މަސައްކަތްތައް ހިމެނޭ ގޮތަށް، 68 މަޝްރޫއަކަށް އީޔޫގެ މެމްބަރު 14 ގައުމަކުން އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

ޖުމްލަ 56 ކުންފުންޏަކުން ހިންގާ މި މަޝްރޫއުތަކުގެ ތެރޭގައި ޓެކްނޮލޮޖިކަލް ޓޫލްސް އާއި ޗިފް ޑިޒައިން ކުރުމާއި އުފެއްދުން ހިމެނެއެވެ. އަދި އެފަދަ މަސައްކަތްތަކުގެ ދިރާސާތައް ވެސް ހިމެނެއެވެ. އެގޮތުން 5ޖީ އަދި 6ޖީ ޓެލެކޮމް ޓެކްނޮލޮޖީގެ އިތުރުން އޮޓޮނޮމަސް ޑްރައިވިން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ކުއަންޓަމް ކޮމްޕިއުޓިންއާ ގުޅުން ހުރި މަޝްރޫއުތައް ހިމެނެއެވެ.

އެ މަޝްރޫއުތަކުގެ ފުރަތަމަ އުފެއްދުންތައް 2025 ވަނަ އަހަރުގެ ކުރީކޮޅު ބާޒާރަށް ނެރޭނެ ކަމަށް ބެލެވޭއިރު، މުޅި މަޝްރޫއު 2032 ވަނަ އަހަރު ނިމޭނެ ކަމަށް ބެލެވެއެވެ.

"އަޅުގަނޑުމެން އެބަޖެހޭ އިސްނަގައިގެން މަސައްކަތް ކުރާ ބަޔަކަށް ވާން. ހަގީގަތުގައި ވެސް އީޖާދީ ހައްލުތަކެއް އުފައްދައި، އެންމެ ފުރަތަމަ ޔޫރަޕަށް ނެރެން އެބަ ޖެހޭ،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް މާގްރެތު ވެސްޓެގާ ވިދާޅުވިއެވެ.

އީޔޫގެ އިންޑަސްޓްރީ ޗީފް، ތިއެރީ ބްރެޓަން ވިދާޅުވީ މި މަޝްރޫއުތަކުގެ ސަބަބުން، ރާޑަރާއި ސްޕޭސް އެޕްލިކޭޝަންތަކަށް ބޭނުންވާ ކޮމްޕޯނެންޓްތަކަށް ޚާއްސަ، ޔޫރަޕްގެ ސަޕްލައި ޗެއިންއެއް އުފެއްދުމަށާއި އިލެކްޓްރިކް ވެހިކަލްތައް އުފެއްދުމުގެ މަސައްކަތް އަވަސްވާނެ ކަމަށެވެ.

އެ ކޮމިޝަނުން އުއްމީދު ކުރަނީ މި މަޝްރޫއުތަކުގެ ސަބަބުން އިތުރު ޕްރައިވެޓް އިންވެސްޓްމަންޓްގެ ގޮތުގައި 13.7 ބިލިއަން ޔޫރޯ ލިބޭނެ ކަމަށެވެ. އެ މަސައްކަތުގައި ބައިވެރިވާ އެހެން ކުންފުނިތަކުގެ ތެރޭގައި ގްލޯބަލްފައުންޑްރީޒް، އޮރެންޖް (އޯރަން)، އެނަލޮގް ޑިވައިސްސް (އޭޑީއައި. އޯ) އާއި ކޮންޓިނެންޓަލް އޮޓޯމޯޓިވް އަދި ބޮޝް ހިމެނެއެވެ.

ޔޫރަޕިއަން ކޮމިޝަނުން އެހީ ދޭ ގައުމުތަކުގެ ތެރޭގައި އޮސްޓްރިއާ، ޗެކް ރިޕަބްލިކް، ފިންލޭންޑް، ފްރާންސް، ޖަރުމަނު، ގްރީސް، އަޔަލޭންޑް، އިޓަލީ، މޯލްޓާ، ނެދަލެންޑްސް، ޕޮލެންޑް، ރުމޭނިއާ، ސްލޮވާކިއާ އަދި ސްޕެއިން ހިމެނެއެވެ.

އީޔޫއިން ލަފާކުރާ ގޮތުގައި، މި މަޝްރޫއުތަކަށް އެހީގެ ގޮތުގައި ޚަރަދުކުރާ ފައިސާގެ ބޮޑު ބައެއް ވަރަށް އަވަހަށް އަނބުރާ ހޯދޭނެއެވެ.