ރާއްޖޭގެ މޫނު މަތި ރީތިކޮށް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ހަތަރު ޕީއާރު ކުންފުންޏެއް ސަރުކާރުން ކުއްޔަށް ހިފައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިންގެވުމާ ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މަލީހު ޖަމާލް ސަން އޮންލައިން އަށް މިއަދު ވިދާޅުވީ ޕީއާރު ފާމުތަކެއް ހަމަޖައްސާފައި ވަނީ އިނގިރޭސި ވިލާތުން ރޫސްޓާސް އާއި ޖަރުމަނުން ބެލްކަންޓޯ މޯލްޑިވްސް އަދި ޗައިނާއިން ޓްރެވަލް ލިންކް މާކެޓިން ކަމަށެވެ. މަލީހު ވިދާޅުވީ ގުލޯބަލް ޕީއާރު ފާމަކަށް އެމެރިކާގެ ރަޑަފިން އިންކޯޕަރޭޓް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

މަލީހު ވިދާޅުވީ އެ ކުންފުނިތަކުގެ މައިގަނޑު ބޭނުމަކީ ފަހަކަށް އައިސް ރާއްޖޭގެ ޓޫރިޒަމާ ގުޅޭ ގޮތުން ފެތުރިފައިވާ ނުރަނގަޅު ކެމްޕޭނުތަކާ ދެކޮޅަށް މަސައްކަތް ކޮށް ޓޫރިސްޓުންގެ މެދުގައި ރާއްޖެއާ މެދު ރަނގަޅު ތަސައްވުރެއް އުފެއްދުން ކަމަށެވެ.

"މިވޭތުވެ ދިޔަ ދުވަސްތަކުގައި ރާއްޖެއާ މެދު އެބަހުރި ނުރަގަނޅު ވާހަކަތަކެއް އައިސްފައި، އެކަމަށް އެޑްރެސްކޮށް ރާއްޖެއާމެދު ރަނގަޅު ތަސައްވުރެއް އެބަޖެހޭ އުފައްދަން، މިކަންތައްތައް ބަލިކުރަން، އެބަޖެހޭ، އަޅުގަނޑުމެންނަށް ހަމަ ބަލަހައްޓައިގެނެއް ނުތިބެވޭނެ،" މަލީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ޕީއާރު ކުންފުނިތަކަށް ކުރަނީ ނިސްބަތުން ވަރަށް ކުޑަހަރަދެއް ކަމަށާއި ޕީއާރު ކުންފުނިތަކަށް ކުރާ ހަރަދު 80،000 ޑޮލަރަށް ވުރެން ވެސް ކުޑަވާނެ ކަމަށެވެ. އަދި ވިދާޅުވީ މެދުއިރުމައްޗާ އިންޑިއާ އަދި ރަޝިޔާއަށްވެސް ޕީއާރު ފާމްތަކެއް މި އަހަރުގެ ފަހުކޮޅަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނީ ޕީއާރުކާމްތަކެއް ހޯދީ އިއުލާންކޮށްގެން ކަމަށާއި އިއުލާން ކުރުމުން 23 ކުންފުންޏަކުން ކުރިމަތިލީ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގެ ޓޫރިޒަމާއި ދެކޮޅަށް ކުރެވުނު ނެގެޓިވް ކެމްޕޭނުތަކާއި ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން މިދިޔަ ދެ މަހެއްހާ ދުވަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ މަދުވެފަ އެވެ.