ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ކަމަށް ބުނެ، ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިކުރުމަށް މަޖިލީހަށް ބިލެއް މިއަދު ހުށަހަޅައިފި އެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ބިލެއް ހުށަހެޅުއްވީ ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރިޔާޒް ރަޝީދު އާއި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އެވެ. އެ ދެ ބޭފުޅުން ހުށަހެޅުއްވި ބިލުގައިވާ ގޮތުން ކޮމަންވެލްތުން ރާއްޖެ ވަކިވާނީ ބިލު ތަސްތީގު ކުރާތާ 60 ދުވަހުގެ ތެރޭގަ އެވެ. އަދި ކޮމަންވެލްތުން ރާއްޖެ ވަކިވާންޖެހޭ ސަބަބުތައް ބަޔާންކޮށް، ފޮރިން މިނިސްޓްރީން އުސޫލުތަކެއް އާންމު ކުރަންޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވުމަށްފަހު އެ ޖަމާއަތުގެ މެންބަރަކަށް އަލުން ވެވޭނީ މަޖިލީހުން ފާސް ކުރާ ގާނޫނަކުން ހުއްދަ ލިބިގެން ކަމަށް ވެސް ބިލުގައިވެ އެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ބިލް ހުށަހެޅި މައްސަލައިގައި ރިޔާޒް މިރޭ ވިދާޅުވީ ކޮމަންވެލްތުން ރާއްޖެ ވަކިވާން ޖެހެނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ އިން ފަހަނައަޅައި، ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް އެ ޖަމާއަތުން މަސައްކަތް ކުރަމުންދާތީ ކަމަށެވެ. އަދި ރާއްޖެއަށް ބިރު ދެއްކުމުގެ ގޮތުން ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިންޒާރުދީ ބިރު ދައްކަމުން ދާތީ ކޮމަންވެލްތުގައި ރާއްޖެ އޮތުމަކީ މަސްލަހަތު އޮތް ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީއާ އެއްގޮތަށް މިވެރިކަން އަލުން އައިސްފައި މިއޮތީ. ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދިނުމުން ވެރިކަމަށް ދެން އަންނާނީ ނައިބު ރައީސްއޭ އެއޮތީ ގާނޫނު އަސާސީގައި ބުނެފައި... ވެރިކަން ބަދަލުވި ގޮތް، ރަނގަޅަށް ނުބަލައި، ފިޔަވަޅު އަޅާނަމޭ، އިންޒާރުދޭނަމޭ، ބުނުމުން އެކަމެއް އަޅުގަނޑުމެންނަކަށް ބަލައެއް ނުގަނެވޭނެ،" އިނގިރޭސިން އަޅުވެތި ކުރި 54 ގައުމުގެ މައްޗަށް އެކުލެވޭ ކޮމަންވެލްތުން ވަކިވުމަށް ހުށަހެޅި ގަރާރާ ބެހޭ ގޮތުން ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް މަޖިލީހަށް ބިލެއް ވެއްދީ ސަރުކާރާ މަޝްވަރާ ކުރުމަށް ފަހުގައި ނޫން ކަމަށާއި އެ ބިލް ހުށަހެޅީ ސަރުކާރާ ގުޅިފައިވާ ޕާލަމެންޓްރީ ގްރޫޕްގެ ތަކުގެ މެންބަރުންނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިކުރުމަށް ސަރުކާރާ ބައިޔަތު ހިފާފައިވާ ޕާޓީތަކުން މަޖިލީހަށް ބިލެއް ވެއްދިއިރު، (ސީމެގު)ން ބުނެފައި ވަނީ ރާއްޖެއިން އެކަށީގެންވާ ސަޕޯޓް ހޯދުމުގައި ނެޝަނަލް އިންކުއަރީ ކޮމިޝަން ފޭލް ވެފައިވާ ކަމަށެވެ. އަދި އެ ކޮމިޝަން މިނިވަން ތަނަކަށް ހަދަން ކޮމިޝަންގެ އެކުލަވައިލުމަށް ބަދަލު ގެނައުމަށާއި ކޮމިޝަނަށް މައުލޫމާތު ހޯދާ ފަރާތްތައް މިހާރުން މިހާރަށް ބަދަލުކުރުމަށް ސީމެގުން ވަނީ ގޮވާލާފަ އެވެ. އަދި ރާއްޖޭގެ މަސްލަހަތަށްޓަކައި އަވަސް އިންތިހާބެއް ބޭއްވުން ކޮންމެހެން ވެސް މުހިއްމު ކަމަށް ސީމެގުން ދަނީ ބުނަމުންނެވެ.