08 Jun 2023, 15:07
އެވޮކާޑޯ ހިމެނޭހެން އަމީނީ މަގުގެ ދެ ފަރާތުގައި އެކި ބާވަތުގެ ގަސް އާރްޑީސީން އިންދައިފިއެވެ.
"ސަން"އާ ވާހަކަދައްކަވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ އަމީނީ މަގުގެ ހަތްވަނަ ސެގްމެންޓާ ހަމައަށް ތާރު އަޅާ މަސައްކަތް ނިންމާ، އާންމުކޮށް ބޭނުންކުރުމަށް މިއަދު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މަގުގެ ދެ ފަރާތުގައި ގަސް އިންދަން ފަށާފައިވާ ކަމަށް މޫކޭ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ މިއަދު 40އަށް ވުރެ ގިނަ ގަސް އަމީނީ މަގުގައި އިންދާފައިވާ ކަމަށެވެ. އަދި މުޅި މަގުގައި ގަސްތައް އިންދާ ނިމޭއިރު ގާތްގަނޑަކަށް 100 ވަރަކަށް ގަސް އިންދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަމީނީ މަގުގައި އާރްޑީސީން ގަސް އިންދަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
އަމީނީ މަގުގައި އިންދަމުން އަންނަނީ އެކި ބާވަތުގެ ހިޔާ ދޭ ބޮޑެތި ގަސްތަކެވެ. އެގޮތުން މިހާތަނަށް އިންދާފައި ހުރި ގަސްތަކުގެ ތެރޭގައި މޫނިމާ ގަސް، އެވޮކާޑޯ ގަސް، ގޯލްޑަން ޝަވަރު ގަސް، ހަޒާރުމާ ގަސް އަދި ސަބުދެލި ގަސް ހިމެނެއެވެ.
މޫކޭ ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ކުރިއަށް ދެން އޮތީ ބިލަބޮން ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލާ ހިސާބުން ފެށިގެން ހިލާލީ މަގާ ހިސާބަށް މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން ކަމަށެވެ.
މި ސެގްމެންޓުގެ މަސައްކަތް މި ހަފުތާގެ ހޮނިހިރު ދުވަހު ފަށާގޮތަށް މިއޮތީ. ފަށާއިރު އެ ސަރަޙައްދުގައި ދެ ސްކޫލެއް އެބަހުރި. ބައިވަރު އޮފީސް އިމާރާތްތައް އެބަހުރި. އެހެންވީމަ އެތަންތަނުގެ މުވައްޒަފުންނަށް ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފަ މަސައްކަތް ފަށާނީއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)
މޫކޭ ވިދާޅުވީ ބިލަބޮން ސްކޫލް ކައިރީ އިންނަ ހަތަރު އަނގޮޅި ކަންމަތީގެ މަސައްކަތް އެއްކޮށް ނިންމާ ހުޅުވާލުމަށް ފަހު ބާކީ ހުރި ސެގްމެންޓްތަކުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެހެންނަމަވެސް ހޮނިހިރު ދުވަހު ގަސްތައް ނަގަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަމީނީ މަގުގައި އިންދާ ގަސްތައް ޕިކަޕަކަށް ބަރުކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
މުޅި މަޝްރޫޢުގެ މަސައްކަތް ނިންމާލުމަށް ކަނޑައަޅާފައި އޮތީ މިއަހަރުގެ ސެޕްޓެމްބަރު މަހަށްކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ، މަގު ހެދުމުގެ ސްޕީޑަށް ބަލައި އޭގެ ކުރިން މަސައްކަތް ނިންމާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ވަރަށް އުދަނގޫ މަސައްކަތެއް. ވަރަށް ޗެލެންޖިން މަސައްކަތެއް މިއީ. އެހެންނަމަވެސް އަޅުގަނޑުމެން ސެޕްޓެމްބަރު މަހުގެ ކުރިން މި މަސައްކަތް ނިންމާލެވޭތޯ މިބަލަނީ،" މޫކޭ ވިދާޅުވިއެވެ.
އަމީނީމަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. ޕްލޭނިން މިނިސްޓްރީއާއި އާރުޑީސީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެއްގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމު ކުރުމާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަސައްކަތް ހަވާލުކުރީ 10 މަސް ތެރޭގައި ނިންމާ ގޮތަށެވެ.