08 Jun 2023, 13:13
މިސުރުގައި ބަނދެގެން ރާއްޖެ ގެނައުމުގެ މަގުމަތީގައި އެފުރިކާގެ އެރިޓްރިއާގައި ތާށިވި، އެފްއެސްއެމްގެ ދެ ބޯޓުގެ ފަޅުވެރިންގެ ރާއްޖެ ގެނެސްފިއެވެ.
މިކަމާ ގުޅިގެން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޤަސަމް ވިދާޅުވީ އެފްއެސްއެމްގެ ދެ ބޯޓުގެ ފަޅުވެރިން ރާއްޖެ ގެނެސްފައިވަނީ މި މަހުގެ ދެވަނަ ދުވަހު ކަމަށެވެ.
ބޯޓުގެ ފަޅުވެރިން ރާއްޖެ ގެނައި ނަމަވެސް، ބޯޓުތައް އަދި ވެސް ހުރީ އެ ޤައުމުގައި ކަމަށާއި، އެ ބޯޓުތައް ގެނައުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ޤަސަމް ވިދާޅުވިއެވެ.
އެފްއެސްއެމްގެ ބޯޓުތައް އެރިޓްރީއާގެ ކަނޑުގެ ސަރަހައްދަށް ވަނީ ވިއްސާރަވެ، ދެ ބޯޓުގެ ތެރެއިން އެއް ބޯޓުގެ ހުންގާނު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެންނާއި ބައެއް ފަޅުވެރިންގެ ހާލު ބޮޑުވުމުގެ ސަބަބުންނެވެ. ނަމަވެސް އެރިޓްރިއާއިން ވަނީ އެ ދެ ބޯޓު ގަވާއިދާ ޚިލާފަށް ވަތް ކަމަށް ބަލައި، ނިމިދިޔަ އޭޕްރީލް މަހުގެ 26ވަނަ ދުވަހު ހިފަހައްޓާފައެވެ.
އެހެންކަމުން އެ ބޯޓުގެ ފަޅުވެރިންނަށް ރާއްޖެއަށް މި އާދެވުނީ އެ ގައުމުގައި މަހަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
މި މައްސަލައިގައި ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ގުޅިގެން، ފޮރިން މިނިސްޓްރީ އާއި އެފްއެސްއެމްގެ ދެ އޮފިޝަލަކާއި ލޯޔަރެއް އެފްރިކާގެ އެރިޓްރިއާއަށް ފޮނުވުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރިއެވެ. އަދި އެ ގައުމުގެ ލޯ ފާމްއަކާ ގުޅިގެން ވެސް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރި ކަމަށް މެނޭޖިން ޑިރެކްޓަރު ޤަސަމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ޤައުމާ ކޮމިއުނިކޭޓް ކުރުން. އެ ޤައުމުން ރެސްޕޮންޑް ނުލިބެނީ،" ޤަސަމް ވިދާޅުވިއެވެ.
ބޯޓުތައް އެ ގައުމުން ދޫނުކޮށްގެން އުޅެނީ ކީއްވެތޯ ސުވާލުކުރުމުން ޤަސަމް ވިދާޅުވީ އެކަން ވެސް އެނގޭނީ އެ ގައުމަށް ކަމަށެވެ. އަދި އެ ބޯޓުތައް ގެނައުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ދެ ބޯޓުގައި ތިބީ ހަތަރު ދިވެހިންނާއި މިސުރުގެ ހަތަރު ފަޅުވެރިއެކެވެ. އެ ދެ ބޯޓަކީ ރާއްޖޭގެ އެތެރޭގައި ދުއްވުމަށް ގެންނަ، 250،000 ލީޓަރުގެ ކެޕޭސިޓީގެ ދެ ބޯޓެވެ. މި ދެ ބޯޓު ހިފެހެއްޓި އެރިޓްރިއާ އަކީ ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ގައުމެކެވެ.