29 Apr 2012, 20:52
އެންމެ ފަހުގެ ޗެމްޕިއަން ވީބީ އައްޑޫއެފްސީ ދިރާގު ދިވެހި ލީގުގެ ފުރަތަމަ ބުރުގައި މިއަދު ކުޅުނު މެޗުން މޮޅުވިޔަ ނުދީ ވިޔަންސާއިން ހިފަހައްޓައިފި އެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލިއިރު މެޗުގެ ނަތީޖާ ނިކުތީ ދެޓީމް ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ.
ލީގުގައި ވީބީ ދެ މެޗު ކުޅެފައިވާއިރު ލިބިފައިވަނީ އެންމެ ޕޮއިންޓެވެ. އެއީ މިއަދުގެ މެޗުން އެއްވަރުވުމުން ލިބުނު ހަމަ އެކަނި ޕޮއިންޓެވެ. އެގޮތުން ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް އަތުން އެ ޓީމު ވަނީ 4- 0 އިން ބަލިވެފަ އެވެ.
މަދު ބަޔަކު މެޗް ބެލުމަށްޓަކައި ދަނޑަށް ވަތް މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދިހަމަހަމަ ކުޅުމެކެވެ. އެހެންނަމަވެސް، ދެޓީމަށް ވެސް ލަނޑު ޖަހާ މެޗުގެ ލީޑް ނެގުމަށް ފުރުޞަތުތަކެއް ލިބުނު ކަން ފާހަގަ ކޮށްލެވެއެވެ.
އެގޮތުން ވީބީ އައްޑޫ އެފްސީގެ ކެޕްޓަން އައްސަދު އަލީ (އަޑޭ) އަށް މެޗުގެ 35 ވަނަ މިނެޓުގައި ލަނޑު ޖަހަން ލިބުނު ފުރުސަތާއި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަބޫއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވުނެވެ. އަދި މެޗުގެ 38 ވަނަ މިނެޓުގައި ވީބީގެ ހާފުތެރެއިން އެޓީމްގެ ޑިފެންޑަރު ސޮބާހް މުހައްމަދު ވިޔަންސާގެ ކުޅުންތެރިއެއްގެ މޫނުމައްޗަށް ދަށްފުއްލުމާއި ގުޅިގެން، ރެފްރީ އަހުމަދު އަސްލަމް ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.
ދިހަ މީހުންނާއެކު މެޗުގެ ދެވަނަހާފް ފުރިހަމަ ކުރުމަށް ނިކުތް ވީބީ ޓީމް ހުއްޓުވުމަށް ވިޔަންސާގެ ކުޅުންތެރިން ކުރިބުރަ މަސައްކަތާއެކު، ވީބީގެ ފޯވާޑުންނަށް ވަނީ ދެ ވަނަހާފުގައި ވެސް ވިޔަންސާގެ ގޯލް ފޫއަޅުވާލެވޭ ގޮތް ނުވެފައެވެ.
އެހެންނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ވިޔަންސާގެ ފޯވާޑުންނަށް ވެސް ލަނޑުޖަހާ މެޗްގެ ލީޑް ނެގުމަށް ލިބުނު ތިން ފުރުސަތު ވަނީ ބޭކާރުވެގެން ގޮސްފައެވެ. އަދި މެޗުގެ 77 ވަނަ މިނެޓުގައި ވީބީގެ އަޑޭއަށް ގޯލްޖަހަން ލިބުނު، އަދި މެޗުގެ އެންމެ ހުސް ފުރުސަތު އޭނަ ވަނީ ގޯލް ކުރިމަތީ ހުރެ، ހުރަސް ދަނޑިމަތިން ބޭރު ކޮށްލާފައެވެ.
މެޗަށް ފަހު ވީބީގެ ތުރުކީ ކޯޗް ޖޭން ވަންލީ ބުނީ، މެޗުގައި ލަނޑު ޖަހަން ލިބުނު ރަނުގެ ފުރުސަތުތައް ކުޅުންތެރިންނަށް ފުރަތަމަ ހާފުގައި ނުހިފުނު ކަމަށެވެ.
"ލަނޑު ޖަހަން ލިބުނު ފުރުޞަތުގެ ބޭނުމެއް މެޗުގައި ފޯވާޑުންނަކަށް ނުހިފުނު. ބޮންޑާ ވެސް އެހާ ފިޓެއްނޫން. ނަތީޖާއާ މެދު ހިތް ހަމައެއް ނުޖެހޭ،" ވަންލީ ބުންޏެވެ.
ވިޔަންސާގެ ކޯޗް އަހުމަދު މުޖްތަބާ (ފެސްކޯ) ބުނީ، މެޗުގެ ނަތީޖާ ނުކުތް ގޮތާ މެދު ހިތްހަމަ ޖެހޭ ކަމަށާއި އަދި ކުޅުންތެރިން ދެއްކި ކުޅުމާމެދު ވެސް ހިތް ހަމަޖެހޭ ކަމަށެވެ.
" ކުޅުންތެރިން ކުރި ހިތް ވަރަށް މަރުހަބާ. ވީބީއަށް ވެސް މަރުހަބާ. ވިޔަންސާގެ ޓާކެޓަކީ ކުޅޭ ކޮންމެ މެޗަކުން މޮޅުވުން." ފެސްކޯ ބުންޏެވެ.