29 Apr 2012, 17:40
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަރިހަށް ޔޫރަޕިއަން ޕާލަމަންޓްރީ ވަފްދުގެ ބޭފުޅުން އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު މެންދުރު ކުރީގައި ރައީސް އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ރާއްޖެއާ އެ ޖަމާއަތާ ދެމެދު އޮންނަ ގުޅުމާމެދު ވާހަކަފުޅުދައްކަވާފައިވެ އެވެ.
މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވާހަކަފުޅުގައި ސަރުކާރު ބަދަލުވުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަޙަށް ކުރިމަތިވި ހަލަބޮލިކަމާއި އެކަންތައްތައް ހަމައަކަށް އެޅުވުމަށް ޓަކައި ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރުން އެޅުއްވި ފިޔަޅުތަކުގެ މަޢުލޫމާތު، ޔޫރަޕިއަން ޕާލިމެންޓަރީ ވަފްދުގެ ބޭފުޅުންނާ ހިއްސާ ކުރެއްވި އެވެ.
އިތުރަށް ރައީސް ޖުމްހޫރިއްޔާ ވިދާޅުވީ ކުރީގެ ސަރުކާރުން ރައްޔިތުންނަށް ދެއްވަން ފައްޓަވާފައިވާ އެކިއެކި ހިދްމަތްތައް ކުރިއަށް ގެންދެވުމުގައި، މިހާރުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތުގެ މައުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.
ޔޫރަޕިއަން ޕާލަމަންޓްރީ ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި އެންމެ ފަހުން ބޭއްވި އިންތިހާބްތައް ކުރިއަށް ދިޔައީ އިންސާފްވެރިކަމަށާއި އާންމުން އެކަންތައްތައް ބަލައިގަންނަ ގޮތަކަށް ކަމަށް ފާހަގަކޮށް މަރުހަބާ ދެއްނެވި އެވެ.