07 Jun 2023, 21:06
އެކި ދާއިރާތަކުން އެމްޑީޕީއާ ގުޅުނު 2،500 މީހުންގެ ފޯމް އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާ ހަވާލުކޮށްފިއެވެ.
އެމްޑީޕީގެ 12 ގޮތްޕަކުން މިއަދު ވަނީ ޕާޓީގެ މައި އޮފީހުގައި އެޕާޓީއާ އަލަށް ގުޅުނު 2،500 މީހުންގެ ފޯމް ޕާޓީގެ ޗެއާޕާސަން ފައްޔާޒުއާ ރަސްމީކޮށް ހަވާލުކޮށްފައެވެ.
ފޯމުތައް ހަވާލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، އެމްޑީޕީއަކީ ޕާޓީ ކުރިއެރުވުމަށް އަބަދުވެސް މަސައްކަތްކުރަމުން ގެންދާ ޕާޓީއެއް ކަމަށާއި، އެޕާޓީން އެގޮތުގައި ކުރިއަށްދާނޭކަމަށެވެ. ފައްޔާޒް ވިދާޅުވީ މިއަދު ލިބުނު 2،500 ފޯމަކީ އެމްޑީޕީއަށް މެންބަރުން އިތުރުކުރުމަށް މި ފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގި ހަރަކާތުގައި ލިބިފައިވާ ފޯމުތައް ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، އެމްޑީޕީއަށް މެންބަރުން އިތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓާނުލާނޭ ކަމަށާއި، ޕާޓީއެއް އުފައްދަން ބޭނުންވާ ގާނޫނީ އަދަދު ހަމަވިނަމަވެސް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ދާނީ ކުރިއަށްކަމަށެވެ.
މިއަދު ހަވާލުކުރި ފޯމުތަކުގެ ތެރޭގައި، ދާދިފަހަކުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރެވުނު މަސައްކަތްތަކުން އެ ސިޓީން އެމްޑީޕީއާ ގުޅުނު މެންބަރުންގެ ފޯމުތައްވެސް ހިމެނެއެވެ.

އެމްޑީޕީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމްތައް ހަވާލުކުރުރުން--- ފޮޓޯ/ އެމްޑީޕީ
އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބި ޕާޓީއެވެ. އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓުގައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގައި 57،660 މެންބަރުން އެބަތިއްބެވެ.
އެމްޑީޕީން މެންބަރުން އިތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓާނުލާނޭކަމަށް ފައްޔާޒް ވިދާޅުވެފައިވާއިރު، އެޕާޓީގެ ފިކުރެއްގެ ދިރުން ފެކްޝަނަށް ނިސްބަތްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ، ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތްކުރައްވަމުންނެވެ.
އެގޮތުން ރައީސް ނަޝީދު މިހާރު ވަނީ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށް އިލެކްޝަނަށް ހުށަހަޅާފައެވެ.