ރައްޔިތުންގެ މަޖިލިސް ފެއްޓެވުމަށްފަހު ރިޔާސަތުން މުހައްމަދު ނަޝީދު 'ގެއްލޭ' މައްސަލަ ބޮޑުވެ އެ ކަންބޮޑުވުން މެންބަރުން ފާޅުކޮށްފިއެވެ.

މީގެ ކުރިން ވެސް ކޮންމެވެސް ވަރަކަށް އެ ވާހަކަތައް ދެކެވުނު ނަމަވެސް މިއަދުގެ ޖަލްސާގައި ރިޔާސަތުގައި ރައީސް ނަޝީދު ހަރުނުލާ ވާހަކަތަކުގެ އަޑުގަދަވީ އެމަނިކުފާނު އެހެން މެންބަރުންނާ ގުޅޭ ގޮތުން ދެއްކެވި ވާހަކައެއްގެ ސަބަބުންނެވެ.

މަޖިލީހުގެ ތަޅުމުގައި މެންބަރުން ނުތިބޭ ވާހަކަ އެންމެ ފުރަތަމަ މިއަދު ސަމާލުކަމަށް ގެންނެވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)އެވެ.

"ކުއްލިއަކަށް ސަރުކާރުގެ ހުރިހާ މެންބަރުން ފުއްޓައްކެއް ޖަހާލާފައި ރައީސް އޮފީހުން ނެރޭ ނެރުމާއި ވައްދާ ވެއްދުން. އެހެން ގޮތަކަށް ދަންނަވާނަމަ ކަންބަޅަ އައިނެއްހެން އެ ގެންގުޅޭ ގެންގުޅުން ރައީސްގެ ސަމާލުކަމަށް ގެންނަން," މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުން ނެތްކަން ފާހަގަކޮށް ވައްޑެ ވިދާޅުވިއެވެ.

މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) -- ފޮޓޯ/ މަޖިލިސް

ނިޒާމީ ނުކުތާއެއްގެ ގޮތުގައި އެކަން ބަލައިގަންނަކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ, މި މަޖިލީހަކީ 87 މެންބަރުންގެ މަޖިލީހެއް ކަމަށާއި އެތަނުގައި ކޮމެޓީތަކެއް ނުހިނގާ ކަމަށެވެ. އެހެންކަމުން ހުރިހާ މެންބަރުން ވެސް މަޖިލިސް ޖަލްސާގައި ތިއްބަވަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މިވަގުތު ސަރުކާރަށް ތާއިދުކުރައްވާ އިއްޒަތްތެރި މެންބަރުން މިތާ ގޮނޑިތަކުގައި ނުތިއްބަވާންވީ ހަމަ އެއްވެސް ސަބަބެއް ނެތް. އެންމެ ފަހުން އަޅުގަނޑު ބެލިއިރުވެސް ހުރިހާ މެންބަރުންނަށް މުސާރަ ސްލިޕް ވަނީ ފޮނުވާފަ," ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެހެންވިދާޅުވިތާ ކުޑައިރުކޮޅެއް ފަހުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ރިޔާސަތުގައި ރައީސް ނަޝީދު 'ހަރުނުލާ' ކަން ފާހަގަކޮށްފައެވެ.

"މަޖިލިސްގައި މިތާ ހުރިހާ މެންބަރުންގެ ވާހަކަ މަޖިލިސް ރިޔާސަތުން ދައްކަވާއިރު ދުވަހަކު ވެސް މަޖިލިސް ޖަލްސާއެއް ނިމެންދެން މަޖިލިސް ރައީސް އިންތޯ," މެންބަރު ނަޝީދުގެ އެ ސުވާލަށް ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު އެއްވެސް ޖަވާބެއް ނުދެއްވައެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ --

އެހެން ދުވަސްތަކެކޭ އެއްގޮތަށް މިއަދު ވެސް ހެނދުނުގެ ސަޔަށް މެދުކަނޑާލުމަށްފަހު ދެން ޖަލްސާ ފެއްޓެވިއިރު ރިޔާސަތުގައި ރައީސް ނަޝީދެއް ނެތެވެ. ހެނދުނު 10:30 އަށް މެދުކަނޑާލަށްވަމުން ރައީސް ނަޝީދު ވިދާޅުވީ 30 މިނެޓްގެ ހުސްވަގުތުކޮޅަށްފަހު ދެން މަޖިލިސް ފެށޭއިރު ވިލިފުށީ ދާއިރާގެ މެންބަރު ހުސައިން އަފީފް ރިޔާސަތު ބަލަހައްޓައި ދެއްވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތަށް އަލުން މަޖިލިސް ޖަލްސާ ފެއްޓެވިއިރު އިންނެވީ އަފީފެވެ. ނިޒާމީ ނުކުތާއެއް ނަންގަވައި އަނެއްކާވެސް މެންބަރު ނަޝީދު އޭނާގެ ކަންބޮޑުވުންތައް ހިއްސާކުރެއްވިއެވެ.

"މަޖިލިސްގެ ރިޔާސަތަށް ވާނުވާއެއް ނޭންގި ކޮންމެ ދުވަހަކު 10:30ގައި ގެއްލޭތީ މުސާރަ މަޖިލިސްގެ ރިޔާސަތަށް ނުލިބެނީތޯއޭ. މުސާރަ އިންނަނީ 10:30 ހަމައަށްތޯ ހަދާފަ. އިނާޔަތްތަކާ އެއްޗެހި މަޖިލިސް ރައީސަށް ނުލިބެނީތޯ. މިވާގޮތެއް ރައްޔިތުންނަށް އެބަޖެހޭ ސާފުކޮށްދޭން," މެންބަރު ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ އެހެން މެންބަރުންގެ ވާހަކަތައް ރިޔާސަތުން ދައްކަވާއިރު އެމަނިކުފާނު ރިޔާސަތުގައި ހަރުނުލާކަމުގެ ކަންބޮޑުވުން މެންބަރު ނަޝީދު ފާޅުކުރެއްވިއެވެ. އެއަށްފަހު މިއަދުގެ ޖަލްސާގައި ތިން ވަނަ ފަހަރަށް ނިޒާމީ ނުކުތާއެއް ނަންގަވައި ވެސް މެންބަރު ނަޝީދު ވަނީ ހަމަ އެ ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

"މަޖިލިސްގެ ތި ގޮނޑި މަނިކުފާނު ތި އިންނަވަނީ ފޭރިގަނެގެންތޯ އޭ. ބިރުދައްކައިގެން ތޯ އޭ. ވަގަށް ނަގައިގެން ތޯ އޭ. މިދިޔަ ހަތަރު އަހަރު ދުވަސް ތެރޭގައި މަޖިލިސްގެ ރައީސް ކިތައް ދުވަހުތޯ އޭ ޖަލްސާ ފުރިހަމަކުރީ," މެންބަރު ނަޝީދު ވިދާޅުވިއެވެ.

"ކޮންމެ ދުވަހަކު 10:30 ގެ ފަހުން މި ގެއްލޭ ގެއްލުން އެބަޖެހޭ ސާފުވާން."

އެވާހަކަތަކަށް ރައްދު ދެއްވައި އަފީފް ވިދާޅުވީ, ރިޔާސަތު އޭނާއާ ހަވާލުކުރައްވަނީ މަޖިލީހުގެ ރައީސަށް ލިބިދޭ އިހްތިޔާރާގެ ދަށުން ކަމަށާއި އެމަނިކުފާނުގެ އެހެނިހެން މަސައްކަތްތައް ވެސް ހުންނާނެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ހަމައެކަނި މަސައްކަތަކީ ރިޔާސަތު ބެލެހެއްޓުން ނޫން ކަމަށް ވެސް އަފީފް ވިދާޅުވިއެވެ.

މަޖިލީހުގެ ރިޔާސަތުގައި އަފީފް -- ފޮޓޯ/ މަޖިލިސް

އެމްޑީޕީގެ މެންބަރުން ނުވަތަ ސަރުކާރަށް ތާއިދުކުރައްވާ މެންބަރުން މަޖިލިސް ޖަލްސާގައި ނެތް ކަމަށް މިއަދު ނަޝީދު ވިދާޅުވެފައިވާތީ އިންޓަވަލް ވަގުތަށްފަހު ދެން ޖަލްސާ ފެށިއިރު ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު ރައްދު ދެއްވިއެވެ. އޭނާ ވިދާޅުވީ އެ ވަގުތު ޖަލްސާގައި ތިއްބެވީ އެމްޑީޕީއަތް ނިސްބަތް ނުވާ އެންމެ ދެ މެންބަރުން ކަމަށެވެ.

"ގާނޫނު އާސާސީއާ ކަނޑައެޅިގެން ހިލާފަށް ރިޔާސަތުގައި ތި އިންނަވަނީ," ނިޒާމީ ނުކުތާއެއްގެ ދަށުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވިއެވެ.

ޕީޕީއެމްގެ ރާގު ބަދުލުވެ ރައީސް ނަޝީދުގެ ދިފާއުގައި

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ ރައީސް ނަޝީދު ހަވާލުވި ދުވަހުން ފެށިގެން ވެސް އޭރު އިދިކޮޅު ޕީޕީއެމް ކޯލިޝަނުން އެމަނިކުފާނާ ދެކޮޅެވެ. އެކަމަކު ހައެއްކަ މެންބަރުންވެގެން އެ މަގާމުން ރައީސް ނަޝީދު ދުރުކުރެވޭނެ ގޮތެއް ނޯންނާނައެވެ. ނަމަވެސް އިދިކޮޅަށް އުންމީދެއް ލިބުނީ އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވި ހިސާބުންނެވެ.

އެމްޑީޕީ އެތެރޭގެ ކޯޅުން އުފެދިފަ މި އޮތް ދަނޑިވަޅުގައި ކުޑަވެސް ފުރުސަތެއް ލިބިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ، މައިނޯޓްރީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ.

ނަމަވެސް މިއަދު ވަނީ ޕީޕީއެމްގެ ރާގު ވެސް ބަދަލުވެފައެވެ.

ރިޔާސަތުން ރައީސް ނަޝީދު ދުރުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވެ އެމަނިކުފާނަށް ހަމްދަރުދީފާޅުކޮށް ފެއްޓެވި ވާހަކަ ނިންމަވާލެއްވީ ސަނާ ވެސް ކިޔުމަށްފަހުއެވެ.

"މީގެ ހަތަރު އަހަރު ކުރުން އަޅުގަނޑު މަޖިލީހަށް ވަދެގެން އައީ ވަރަށް އުންމީދާއެކީގައި ރަނގަޅު ހިދުމަތްތަކެއް ދައުލަތަށް ދާއިރާއަށް އަދި ރައްޔިތުންނަށްވެސް ކޮށްދެވޭނެ ކަމުގެ އުންމީދުގައި. ނަމަވެސް މިއަދު މަޖިލިސް ތެރެއަށް ވަދެގެން އައިއިރު އަޅުގަނޑަށް އިހްސާސްކުރެވުނީ ހަމަ ހަގީގަތުގައި ވެސް މި މަޖިލިސް ޔަތީމްވަމުންދާކަން. އަޅާލާނެ މައިންބަފައިން އަޅުގަނޑުމެންނާ ވަކިވެގެންދާ ކަމުގެ އިހްސާސް މިއަދު ކުރެވެމުން އެބަދޭ," ރައީސް ނަޝީދަށް ތާއީދުއޮތްކަން ހާމަކޮށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު މައިނޯރިޓީއާ ދޭތެރޭގައި ކަންތައްކުރެއްވީ ވަރަށް އޯގާތެރިކޮށްކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ, ރައީސް ނަޝީދު ވަކި ކުރުމަކީ ޑިމޮކްރެސީ ފުނޑާލުން ކަމަށެވެ.

"އަޅުގަނޑުމެން ހިތާމަކުރަން މި މަޖިލީހުގައި މިހާރު ހިނގަމުން މިދާ ކަންތައްތަކާ މެދު. ރާއްޖޭގެ ތާރީހުގައި މަޖިލިސް ރައީސް އާއި ނައިބް ރައީސް ދެ ބޭފުޅުން އެއްފަހަރާ އިތުބާރު ނެތްކަމުގެ ހާލަތަކަށް ދާންޖެހުނު ފަހަރެއް މިފަހަރު ނޫނީ ނެތް," އާދަމް ޝަރީފް ވިދާޅުވިއެވެ.

ރިޔާސަތާ ގުޅޭ ގޮތުން ސަރުކާރު މެންބަރުންގެ ކަންބޮޑުވުން ހުރިއިރު އެމްޑީޕީގެ ސުޕަ މެޖޯރިޓީއާ އެކު މަޖިލީހުގެ ރިޔާސަތަށް ގެންނެވި ނަޝީދާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިހާރު އޮތީ މަޖިލީހަށް ހުށަހަޅާފައެވެ.