މިސަރުކާރުން އެއްވެސް މީހަކު ފާހަގަކޮށް ވަކިމީހަކާ މެދު ބަދަލުހިފުމުގެ ރޫހު ނުގެން ގުޅޭ ކަމަށް ނައިބު ރައީސް މުހައްމަދު ވަހިއްދީން (ޑީން) ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނައިބު ރައީސް ޑީން ވިދާޅުވީ މިއަދުގެ ސަރުކާރުން ބަދަލު ހިފުމުގެ ރޫހެއް ނުގެން ގުޅޭނެ ކަމަށާއި އެމަނިކުފާނު ޔަގީން ކުރައްވާ ގޮތުގައި ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދަކީ ވެސް އެއްވެސް މީހަކާ މެދު ބަދަލުހިފުމުގެ ރޫހެއް ގެންގުޅުއްވާނެ ބޭފުޅެއް ނޫންކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

"މިއަދުގެ ސަރުކާރުން ބަދަލުހިފުމުގެ ރޫހެއް ނުގެން ގުޅޭނެ. ރައީސް ވަހީދުގެ ވެސް އެހިޔާލުފުޅެއް ނޯންނާނެ. އަޅުގަނޑަށް ޔަގީން ރައީސްގެ ވެސް އެހިޔާލެއްނެތް އަޅުގަނޑުގެ ވެސް އެހިޔާލެއް ނެތް،" ޑީން ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް ނަޝީދު މިސަރުކާރުން ހައްޔަރުކޮށްފާނެތޯ ނޫސްވެރިއަކު ސުވާލު ދެއްނެވުން ނައިބު ރައީސް ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ހައްޔަރުކޮށްގެން ޖަލަށް ލާން މިސަރުކާރުން ނޫޅޭ ކަމަށެވެ.

"މިސަރުކާރުން ނަޝީދު ޖަލަށް ލާކަށް ނޫޅޭ. ޖަލަކަށް ނުވެސް ލާނެ. އަދި އެއީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް ވެސް ނޫން،" ނައިބު ރައީސް ވިދާޅުވި އެވެ.

ވަހިއްދީން ވިދާޅުވީ ރައީސް މައުމޫނުގެ ސަރުކާރުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވުމުން ވެސް ބައެއް މީހުން "އަޑިޔަށްދާ ދޯންޏެއްގެ ދިޔަހިއްކަން" ވަޑައިގެންނެވި ކަމަށް ވިދާޅުވި ކަމަށާއި މިސަރުކާރާ ގުޅުނީ ވެސް ދިޔަހިއްކަން ކަމަށާއި "ފިސާރި ރަނގަޅަށް ދިޔަހިއްކައި ދޭނެ" ކަމަށެވެ.

އޮޑި މިއޮތީ ކޮންމެވެސް ވަރަކަށް ފެން އަރާފައި. ދެން ދިޔަހިއްކަނީ ދިޔަހިއްކަނީ އެހެން ވީމާ ފުރަތަމަ އޮޑި އަޑިޔަށް ނުގޮސް މައިތިރިކޮށްގެން، ކަމެއްކުރެވޭނީ. އެއާޕޯޓް އެބައޮތް އަނެއްތަނެއް އެބައޮތް އެހެން ވިމާ އޮޑި ތެދަށް ކޮޅަށް ޖަހއިގެން ވާނީ. އަޅުގަނޑު ތަންކޮޅެއް ކުރީގައި ރައީސް މައުމޫންގެ ވެރިކަމުގައި އެސަރުކާރައި ގުޅުނީމާ ބުނި އަޑިޔަށް ދާ އޮޑިއަކަށޭ ތިއެރީ. އަޅުގަނޑު ދެންނެވިން ދިޔަހިއްކާށޭ މިއެރީ . އަނެއްކާ ވެސް އަރާ މިހުރީ ދިޔަހިއްކަން ފިސާރި ރަނގަޅަށް މިފަހަރު ދިޔަހިއްކާދޭނަން،" ވަހިއްދީން ވިދާޅުވި އެވެ.