ނެޓްފްލިކްސްގެ ބޮޑެތި ރެކޯޑުތައް މުގުރި ހިޓް ފިލްމު "ބާޑް ބޮކްސްގެ" ސީކުއެލް ފިލްމުގެ ޓްރެއިލާ ނެރެފިއެވެ.

ނެޓްފްލިކްސް އިން 2018 ވަނަ އަހަރު ސްޓްރީމްކުރަން ފެށި، ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސަންޑްރާ ބްލޮކްގެ ތުރިލާ "ބާޑް ބޮކްސް" ވެގެން ދިޔައީ އެއްވެސް ބަޔަކު ހީނުކުރާ ވަރުގެ ބޮޑު ހިޓަކަށެވެ. ޝޯ ދައްކަމުން ދިޔައިރު ދުނިޔޭގެ ހުރިހާ ކަންކޮޅެއްގެ އެންމެ ގިނަ ބަޔަކު ބެލި ފިލްމުތަކުގެ ލިސްޓުގެ އެއްވަނައިގައި އެ ފިލްމު އެތައް ދުވަހެއް ވަންދެއް އޮތެވެ.

އެންމެފަހުން ފިލްމަށް ލިބުނު ކާމިޔާބީ ފެނި ފިލްމުގެ ސީކުއެލް އެއް ނެރޭނެ ކަމަށް ބުނެ އިއުލާނު ކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ.

އެންމެފަހުން ފިލްމުގެ ޓްރެއިލާ ނެރުނު އިރު ފިލްމަށް ކިޔާނީ "ބާޑް ބޮކްސް: ބާސެލޯނާ"އެވެ.

އޮރޮޖިނަލް ފިލްމުން ފެނިގެންދިޔައީ އާދަޔާ ހިލާފު އެއްޗެހި ތަކެއް ދުނިޔެއަށް އައިސް މީހުންތައް މަރުވަމުންދާ މަންޒަރެވެ. އެ އެއްޗެއްސާ ދިމާލަށް ބަލައިފި ނަމަ މީހުން މަރުވެއެވެ. އެއާ އެކު ފިލްމުގެ ކެރެކްޓަރުން ފެންނާނީ އަބަދު ވެސް ކަނު ބަނދެގެން އުޅޭ މަންޒަރެވެ. މި ކޮންސެޕްޓް ވެގެން ދިޔައީ ވަރަށް ތަފާތު ކޮންސެޕްޓަކަށެވެ. ނަތީޖާއެއްގެ ގޮތުން ފިލްމު ބޮޑު ހިޓަކަށް ވިއެވެ.

ފިލްމުގެ ބިރުވެރިކަން އަނެއްކާ ވެސް އިތުރު ކޮށްލުމަށް މި ނެރޭ ސީކުއެލް އިން ވެސް ފެންނާނީ މި ކޮންސެޕްޓެވެ. މި ފިލްމުގައި ވެސް ފެންނާނީ އެ އެއްޗެހީގެ ކިބައިން ސަލާމަތް ވާން އުޅޭ ތަނެވެ. ނަމަވެސް މި ފަހަރު ފެންނާނީ ފުރަތަމަ ފިލްމާ ހިލާފަށް އެހެން އާއިލާއެއްގެ ވާހަކައެެވެ.

މި ފިލްމުގައި ދައްކައިދޭނީ ހާދިސާތައް ހިނގިއިރިު ބާސެލޯނާގައި އާއިލާއަކަށް ކަންތައް ވާގޮތެވެ.

ނެޓްފްލިކްސް އިން ހާމަކޮށްފައިވާ ގޮތުގައި އަންނަ މަހުގެ 14އިން ފެށިގެން މި ފިލްމު ސްޓްރީމް ކުރަން ފެށޭނެއެވެ.