ސީސާގެ ތިން ބެއިންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި ހުޅުވާފައިވާ އެކައުންޓަކުން ބަޔަކު ވަގު ލިޔުންތަކެއް ހުށަހަޅައިގެން ނެގި 18 މިލިއަން ރުފިޔާ ގެ ތެރެއިން 4.4 މިލިއަން ރުފިޔާ އެ ބޭންކުން ޝީޝާގެ އެކައުންޓަށް އަބުރާ ޖަމާކޮށްދީފައިވާ ކަމަށް ޝީޝާގެ ވަކީލު ޝަރީއަތުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އެ މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ބަޔާން ހުށަހެޅަމުން ޝީޝާގެ ވަކީލު ވިދާޅުވީ ވަގު ޑޮކިއުމެންޓްތައް ހުށަހެޅި ބަޔަކަށް އެސްބީއައިން ދޫކޮށްފައިވާ 18 މިލިއަން ރުފިޔާގެ ތެރެއިން 4.4 މިލިއަން ރުފިޔާ އެސްބީއައިން ޝީޝާގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އެހެން ކަމުން ގާޒީގެ ކިބައިން ވަކީލު އެދިވަޑައިގަތީ ގެއްލުނު ފައިސާގެ ތެރެއިން ބާކީ ނުލިބިވާ 13.6 މިލިއަން ރުފިޔާ އާއި އެ ގެއްލުމުގެ ބަދަލެއްގެ ގޮތުން ފަސް މިލިއަން ރުފިޔާއާ އެކު ޖުމްލަ 18 މިލިއަން ރުފިޔާ ޝީޝާގެ އެކައުންޓަށް ޖަމާ ކުރުމަށް އެސްބީއައިގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

ވަކީލު ވިދާޅުވީ އެ ފައިސާ ދޫކުރުމުގައި އެސްބީއައި އިން އަމަލުކޮށްފައި ވަނީ ވަރަށް ފަރުވާ ކުޑަކޮށް، ރާއްޖޭގައި އަމަލުކުރާ ބޭންކިން ގާނޫނާ ޚިލާފަށް ކަމަށެވެ. އޭނާ ވިދާޅުވީ މީހެއްގެ ސޭވިން އެކައުންޓަކުން މިފަދަ ބޮޑު އަދަދެއްގެ ޓްރާންސްފާ އެހެން މީހެއްގެ އެކައުންޓަކަށް ކުރުމަކީ މީގެ ކުރިން އެ ބޭންކުން އަމަލުކޮށްފައިވާ ގޮތެއް ނޫންކަމަށެވެ. އަދި މީގެ ކުރިން އެފަދަ ބޮޑު އަދަދަދެއްގެ ފައިސާއެއް ޖަމާކޮށްފައިވާނަމަ އެކަން ޝަރީއަތަށް ސާފްކޮށްދިނުމަށް ވެސް ޝީޝާގެ ވަކީލު ވަނީ އެސްބީއައިގެ ކިބައިން އެދިފަ އެވެ.

އެސްބީއައިގެ ވަކީލު ހަސަން ފަލާހު ވިދާޅުވީ އެސްބީއައިން ދޫކުރި އެފައިސާ ޖަމާ ކުރީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާފައިވާ އެކައުންޓަކަށް ކަމަށް ވުމުން ބީއެމްއެލްއިން އެ ފައިސާ ޖަމާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ އެމްއެމްއޭ އާ ބީއެމްއެލްއާ ދެމެދު މުއާމަލާތް ކުރެވިފައިވާ ކަމަށް އެނގިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ޓްރާންސްސެކްޝަންތައް ހޯދެން އަންނަނީ ކޯޓު އަމުރަކުން ކަމަށްވާތީ އެ ޓްރާންސެކްޝަންތައް ހޯދުމަށް ކޯޓު އަމުރެއް ނެރެދިނުމަށް އެދޭކަމަށެވެ.

ސިވިލް ކޯޓުގެ ގާޒި ހާތިފް ހިލްމީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އެސްބީއައިއަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަށް ފަހު އެވެ.