ޖޫން 7 (ރޮއިޓާސް) - އެމެރިކާގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ޓެކް ކުންފުނިތަކުގެ ލިސްޓުގައި ރެޑިޓް ވެސް ހިމެނި، އެ ކުންފުނީގެ މުވައްޒަފުންގެ ގާތްގަނޑަކަށް ފަސް ޕަސެންޓް ނުވަތަ 90 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށް ބުނެފިއެވެ.

މިދިޔަ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އައި އިޤްތިޞާދީ ހީނަރުކަމަށް ފަހު ޓެކް އިންޑަސްޓްރީގައި ހިމެނޭ ކުންފުނިތަކުން ދަނީ ވަޒީފާތައް މަދުކުރަމުންނެވެ. އެގޮތުން ފޭސްބުކްގެ ވެރި ކުންފުނި މެޓާ އިން ވެސް ވަނީ 10،000 ވަޒީފާ އުވާލުމަށް ނިންމާފައެވެ.

ދެހާސްފަސް ވަނަ އަހަރު އުފެއްދި ފަހުން ގިނަ ބަޔެއްގެ މެދުގައި މަގުބޫލުވެފައިވާ ރެޑިޓްއިން ގިނަ ބަޔަކު ވަކިކުރަން އުޅޭކަން ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ވޯލް ސްޓްރީޓް ޖާނަލްއިންނެވެއެވެ. އެއީ ރެޑިޓްގެ ޗީފް އެގްޒެކެޓިވް ސްޓީވް ހަފްމަންގެ ފަރާތުން މުވައްޒަފުންނަށް ފޮނުވި އީމެއިލްއަކާ ހަވާލާދީއެވެ.

އެ ރިޕޯޓުގައިވާ ގޮތުން ހަފްމަން ވިދާޅުވީ, އެ ކުންފުނިން މިއަހަރު 300 މީހަކު ވަޒީފާތަކަށް ނިންމާފައި އޮތް ނަމަވެސް އެ އަދަދު މިހާރު ވަނީ 100އަށް ދަށްކޮށްފައެވެ.

ރެޑިޓްއަކީ ތަފާތު މައުޟޫއުތަކުގެ ޚަބަރާއި މައުލޫމާތު ފެތުރުމަށާއި ތަފާތު މަޝްވަރާތައް ކުރަން މަޝްހޫރު ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމްގައި ތަފާތު މަޝްވަރާތަކާއި މައުޟޫއުތަކަށް 'ސަބްރެޑިޓް' ހަދާފައިހުރެއެވެ. އެ ސަބްރެޑިޓްތަކުގައި އެކި މީހުން ގުޅިގެން މަޝްވަރާތަކުގައި ބައިވެރިވެ، ކޮންޓެންޓް ޕޯސްޓްކޮށް، ސުވާލުކޮށް ހަދައެވެ.

ރެޑިޓްގައި މީހުން ދައްކާ ވާހަކަތަކަށް ވޯޓު ދިނުމުގެ ފުރުސަތު ވެސް އޮންނައިރު ތަފާތު ކޮންޓެންޓާއި ކޮމެންޓްތަކަށް އަޕްވޯޓް ނުވަތަ ޑައުންވޯޓް ދެވެއެވެ. މިއީ ސަބްރެޑިޓެއްގެ ތެރޭގައި އެމީހުން ފެންނަ ގޮތާއި ރޭންކިން ކަނޑައަޅާ ކަމެކެވެ.