29 Apr 2012, 17:17
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށްކޮށްފައިވާ ކަންތައްތައް ތަހުގީގު ކުރުމަށް އެދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރު މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ކާށިދޫ ދާއިރާގެ މެންބަރު ކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ގަރާރަކީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާދެއްވުމަށް ފަހު އެމަނިކުފާނާ ދެކޮޅަށް މަޖިލީހަށް ވައްދާ ފުރަތަމަ ގަރާރެވެ. ރައީސް ނަޝީދު ވެރިކަމުގައި ހުންނެވި އިރު ވެސް އެމަނިކުފާނާ ދެކޮޅަށް، އޭރުގެ އިދިކޮޅު ފަރާތްތަކުން ދެ ގަރާރެއް ހުށަހަޅާފައިވެ އެވެ. އެގޮތުން ރައީސް ނަޝީދު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި "ސޫލާ ޝަރާބް" ހިއްޕެވި ކަމަށް ބުނެ އިންޑިއާގެ ނޫސްތަކުގައި ޖެހި ޚަބަރުތަކާ ގުޅިގެން ވެސް ގަރާރެއް ހުށަހެޅި އެވެ. އަދި ޔަހޫދީ ދައުލަތް، އިޒުރޭލާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ބަދަހި ކުރި މައްސަލާގައި ވެސް ރައީސް ނަޝީދާ ދެކޮޅަށް ގަރާރެއް ހުށަހަޅާފައިވެ އެވެ.
ރައީސް ނަޝީދާ ދެކޮޅަށް ގަރާރެއް ހުށަހަޅައި، މަޖިލީހުގައި ބަހުސް ކުރާ ކޮންމެ ދުވަހަކީ ވެސް މަޖިލީހުގެ ތަޅުން ހޫނުވެ، ޕާޓީތަކުގެ ވެރިންގެ ބަހުގެ ހަމަލާތައް ރައްދުވާ ދުވަސްތަކެވެ.
ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ރައީސް ނަޝީދު އަދުލުއިންސާފު ގާއިމްކުރުމުގެ ބާރަށް ބިރުދައްކައި ނުފޫޒު ފޯރުވުމާއި ސުޕްރީމް ކޯޓް ބަންދުކޮށް ތަޅުއެޅުވުމާއި ކޯޓްތަކުން ކޮށްފައިވާ އަމުރުތަކާއި ހިލާފަށް އަމަލުކުރުމަށް ޣައިރު ގާނޫނީ އަމުރުކުރުމާއި ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ގާނޫނާއި ހިލާފަށް ފަނޑިޔާރުންނާ މެދު އަމަލުކުރުމަށް ޣައިރު ގަނޫނީ އަމުރުކުކޮށްފައިވާ ކަމަށެވެ. އަދި ރައީސުލްޖުހޫރިއްޔާގެ ހައިސިއްޔަތުން ސިފައިންގެ އެންމެމަތީ ވެރިޔާކަމުގެ މަގާމުގައި ނަޝީދު ހުންނަވައި ގާނޫނާ ހިލާފަށް މަޖިލިހުގެ ބައެއް މެންބަރުން ހައްޔަރުކުރުމާއި ގާނޫނީ ރައްކާތެރިކަމުން ނަގާލަން އެމަނިކުފާނު އަމުރުކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ ފައިސާ ގާނޫނާ ހިލާފަށް ބޭނުންކުރުމާއި ނަހަމަ ގޮތުގައި ބޭނުންކުރުމާއި ރައްޔިތުންގެ މެދުގައި އޮންނަން ޖެހޭ ހަމަ ހަމަ ކަމާއި ހަމަޖެހުން ނައްތާލައި ވަކިބަޔަކަށް އަދި ސިޔާސީ ވަކި ފިކުރަކަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަންދީ އެފަރާތްތަކަށް ފައިދާ ހުރި ގޮތަށް ކަންކަންކޮށް ރައްޔިތުންގެ މެދުގައި ފިތުނަވެރިކަމާއި ނަފުރަތު އުފެދުމަށް މަސައްކަތްކުރި ކަމަށް ވަނީ ގަރާރުގައި ބުނެފަ އެވެ.