ކިޔޭވް (07 ޖޫން 2023): ޔޫކްރެއިންގެ ދެކުނުގެ ސަރަހައްދެއްކަމަށްވާ ޚަރްސަންގައި އޮންނަ ނޯވާ ކަޚޮވްކާ ޑޭމް އަށް ހަމަލާދީ އެޑޭމް ހަލާކުކޮށްލުމާ ގުޅިގެން އެސަރަހައްދުގެ އަވަށްތަކާއި ވިލެޖްތަކުގައި ދިރިއުޅޭ އާންމުން އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޔުކްރެއިން ގެ ސަރުކާރު ބުނާގޮތުން ކަޚޮވްކާ ޑޭމް ގެ ފެންގަނޑު ބަންޑުންވުމުގެ ސަބަބުން 80 ވިލެޖް ފެނުގެ އަޑިއަށްދާނެކަމަށް ބެލެވިފައިވާތީ އެވިލެޖްތަކުގެ މީހުން ރައްކާތެރި ތަންތަނަށް ގެންދިޔުމުގެ ކުއްލި އަދި އަވަސް މަސައްކަތްތަކެއް މިހާރުވަނީ ފަށާފައެވެ.

ޚަރްސަންގެ އެއްބައި ރަޝިއާގެ ކޮންޓްރޯލްގެ ދަށުގައިވެސް އޮވެއެވެ. އެއީ ރަޝިއާ ގަދަބާރުން ހިފާފައިވާ ސަރަހައްދުތަކެވެ. ރަޝިއާގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކުގައި ހިމެނޭ ވިލެޖްތަކުގެ ތެރެއިން ބައެއް ވިލެޖްތަކަކީވެސް ކަޚޮވްކާ ޑޭމްގެ ފެންގަނޑު ބަންޑުންވުމުގެ ސަބަބުން ފެންބޮޑުވާނެ ވިލެޖްތަކެއްކަމަށް ބެލެވޭތީ އެވިލެޖްތަކުގެ މީހުން ރައްކާތެރި ތަންތަނަށް ގެންދިޔުމުގެ މަސައްކަތްކުރަނީ ޚަރްސަންގައި އޮންނަ ރަޝިއާގެ އިސްތިއުމާރީ އިދާރާއިންނެވެ.

ކަޚޮވްކާ ޑޭމް އަކީ ޔުކްރެއިންގެ އެންމެ ބޮޑު އެއްޑޭމް އެވެ. އެޑޭމްއަކީ ދަނޑުވެރިކަމަށް ބޭނުންވާ ފެންރައްކާކުރުމަށާއި ހައިޑްރޯ ޕަވާ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް ކުރީގެ ސޮވިއެޓް ޔުނިޔަންގެ ޒަމާނުގައި ރަޝިއާއާއި ޔުކްރެއިން އެއް ދައުލަތެއްގެ ގޮތުގައި އޮތްއިރު ބިނާކޮށްފައިވާ ޑޭމެކެވެ.

ކަޚޮވްކާ ޑޭމް އަށް އަރާފައިވަނީ މިސައިލް ހަމަލާތަކެކެވެ. މި ހަމަލާތަކުގައި އެ ޑޭމްގެ ފެންގަނޑު ހިފަހައްޓާ ކޮންކްރީޓް މައި ފާރުގެ ބޮޑުބައެއްވަނީ ފުނޑުފުނޑުވެފައެވެ. މިއާއެކު ޑޭމްގައި ރައްކާކޮށްފައިވާ ފެންގަނޑު ވަނީ މުޅި ސަރަހައްދަށް ފެތުރެން ފަށާފައެވެ.

ކަޚޮވްކާ ޑޭމް އަށް ހަމަލާދިން ކަމުގެ ތުހުމަތު ޔޫކްރެއިނާއި ރަޝިޔާއިން ވެސް ކުރަނީ އެއްގައުމު އަނެއް ގައުމުގެ މައްޗަށެވެ. ރަޝިއާ ބުނާގޮތުގައި އެޑޭމްއަށް ހަމަލާދިނީ ޔުކްރެއިނުންނެވެ. ނަމަވެސް ޔުކްރެއިން ބުނާގޮތުން އެ ޑޭމް އަށް އެރީ ރަޝިއާގެ ހަމަލާތަކެކެވެ. އެ ސަރަޙައްދުގެ އާންމުން ބުނާގޮތުގައި އެ ޑޭމް އަށް އަރާފައިވަނީ ގޮތްނޭންގޭ ފަރާތަކުން ދިން ޓެރެރިސްޓް ހަމަލާތަކެކެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން މިދިޔަ ޑިސެމްބަރު މަހު ޔުކްރެއިން ސިފައިންވަނީ އެމެރިކާގެ ހައިމާސް ރޮކެޓް ބޭނުންކޮށްގެން ކަޚޮވްކާ ޑޭމްއަށް ހަމަލާ ދިނުމަށް ތަމްރީންތަކެއް ހަދާފައެވެ.

ޑޭމް އަށް ހަމަލާދިނުމުގެ ކުރިން ރަޝިއާ ވަނީ ޔުކްރެއިނުން އެޑޭމް އަށް ހަމަލާދޭން އުޅޭކަމުގެ އިންޒާރު ދީފައެވެ. މި އިންޒާރު ދެއްވާފައިވަނީ ރަޝިއާއިން އދ. އަށް ކަނޑައަޅާފައިވާ ސަފީރު ވަސީލީ ނެބެންޒިއާއެވެ.

އެމެރިކާ ބުނާގޮތުން ކަޚޮވްކާ ޑޭމް އަށް ހަމަލާދިން ފަރާތެއް ސާފެއްނޫނެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައިނުވިނަމަވެސް މިއީ ޔުކްރެއިންގެ އިންފްރާސްޓްރަކްޗަރ އަށް ލިބުނު އަދާޔާ ޚިލާފު ބޮޑު ގެއްލުމެއްކަމަށް މުރާސިލުން ބުނެއެވެ. ޑޭމް ހަލާކުވުމުގެ ސަބަބުން ޔުކްރެއިނަށް ފެނާއި ކަރަންޓް ލިބުނުން ދަތިވުމުގެ މައްސަލަ ކުރިމަތިވާނެއެވެ.

ކަޚޮވްކާ ޑޭމް އަކީ 30 މީޓަރު އުސް 3.2 ކިލޯމީޓަރުގެ ދިގު ޑޭމެކެވެ. ޑޭމް ބިނާކޮށްފައިވަނީ ޑްނިޕްރޯ ކޯރުގެ ފެންބޮޑުވުން ހައްލުކުރުމަށާއި އެފެން ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށާއި ދަނޑުވެރިކަމާއި ސިނާއީ ބޭނުންކުރުމަށެވެ. ކުރީގެ ސޮވިއެޓް ޔުނިޔަންގެ ވެރިކަމުގައި އެޑޭމް ބިނާކޮށްފައިވަނީ 1956 ވަނަ އަހަރު އެވެ. ކްރައިމިޔާއަށާއި، ޒަޕޮރޫޖިޔާގައި ހުންނަ ނިއުކްލިޔަރ ޕްލާންޓްތައް ފިނިކުރުމަށް ބޭނުންވާ ފެން ފޯރުކޮށްދެނީވެސް އެ ޑޭމުންނެވެ.