07 Jun 2023, 10:01
ދަ ޑިމޮކްރެޓްސް އުފައްދަން ސޮއިކުރި މެމްބަރުންނަށް ސަރުކާރުން ބިރުދައްކާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީީފު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.
ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައިގައިވަނީ ޑިމޮކްރެޓްސް އުފެއްދުމަށް އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގައިވާ މައުލޫމާތު ސަރުކާރުން ވަގަށް ހޯދައިފައިވާކަމުގެ ތުހުމަތުކުރައްވައިފައެވެ. އަދި އެ މީހުންނަށް ގުޅައި ބިރުދައްކަން ފަށައިފައިވާކަމަށް ވެސް ތުހުމަތުކުރައްވައިފައިވެއެވެ.
އިއްޔެ ހުށަހެޅުއްވި މި މައްސަލައާ މެދު ބަހުސްކުރުމަށް ގޮތެއް ނިންމުމަށް ވޯޓަށް އެހުމުން ވޯޓު ދެއްވި 49 މެމްބަރުންގެ ތެރެއިން އެ މައްސަލައަށް ބަހުސްކުރަން ފެންނަކަމަށް ވޯޓުދެއްވީ 16 މެމްބަރުންނެެވެ. އެ މައްސަަލަ މަޖިލީހުން ބޭރުކޮށްލަން 33 މެމްބަރަކު ވޯޓުދެެއްވައިފައިވެއެވެ.
ހަސަން ލަތީފު ހުށަހެޅުއްވި ކުއްލި މައްސަލައިގައިވަނީ ޑިމޮކްރެޓްސްގެ މެމްބަރުންނަށް ބިރުދައްކަނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ބޭފުޅުންކަމަށް ހަސަން ލަތީފް ތުހުމަތުކުރެއްވިއެވެ.
"އެގޮތުން ގުޅުއްވާ ފަރާތްތަކުގެ އަރިހުން ސާފުކުރަމުން ގެންދަނީ ގޯއްޗަށް ނުވަތަ ފްލެޓަށް އެދި ފޯމު ހުށަހަޅައިފައިވޭތޯ، ނުވަތަ ދަރިފުޅު ސްޓޫޑަންޓް ލޯނަށް ހުށަހަޅައިފައިވޭތޯ ފަަދަ ކަންކަން،" އެ މައްސަލައިގައިވެއެވެ.
އަދި ވަޒީފާ ނުވަތަ ލޯނު ސްކީމް ބޭނުންނަމަ ޑިމޮކްރެޓްސްއަށް ކޮށްފައިވާ ސޮއި އަނބުރާ ގެންދިއުމަށް އަންގަމުން އަންނަކަމަށް ވެސް ހަސަން ލަތީފުގެ މައްސަލައިގައިވެއެވެ.
އޭނާ ވިދާޅުވީ އެ ފަދަ އަމަލުތަކަކީ އެމްޑީޕީ އުފެއްދުމުގެ އަސްލުތަކާ ވެސް ސީދާ ޚިލާފު އަމަލުތަކެއްކަމަށެވެ. އަދި އެ ބިރު ދެއްކުމުގެ އެ ފަދަ އަމަލުތަކަކީ ވަރަށް ނާތަހުޒީބު އަމަލުތަކެއްކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ޖުމްލަ 3560 ފޯމާއެކު ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީކުރަން މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.