މީގެ ފަސް އަހަރުކުރިން ނެޓްފްލިކްސްއިން ގެނެސްދިން އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީސް"ގެ ދެވަނަ ބައިގެ ޓީޒާ އާއްމުންނަށް ދައްކާލައިފިއެވެ.

މިފިލްމުގެ ސީކުއަލް "ލަސްޓް ސްޓޯރީސް2"ގެ ޓީޒާއާއެކު ފިލްމުން ފެންނާނެ ކާސްޓުންގެ ތަޢާރަފްވެސް ޓީޒާއިން ފެނެއެވެ. ކުރީ ފަހަރުގެ ފިލްމުން ނުފެންނަ ގިނަ މޫނުތަކެއް މިފަހަރުގެ ފިލްމުން ފެންނާނެއެވެ. އޭގެތެރެއިން ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައީ ފިލްމުގެ ޓީޒާއިން ބަތަލާ ކާޖޮލް ފެނުމުންނެވެ. މިއީ ކާޖޮލް މިފަދަ އެންތޮލޮޖީ ފިލްމަކުން ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފަހަރުވެސްމެއެވެ. ބަތަލާ ކާޖޮލް ނެޓްފްލިކްސްގެ މިފިލްމުން ފެންނައިރު ޑިޒްނީ ހޮޓްސްޓާގެ ވެބް ސީރީސްއަކަށްވެސް ކާޖޮލްވަނީ ސޮއިކޮށްފައެވެ.

ބަތަލާ ކާޖޮލްއާއެކު ފިލްމުގައި ހިމެނޭ އިތުރު ކާސްޓުންނަކީ، އަންގަދް ބެދީ، މްރޫނަލް ތާކުރު، ނީނާ ގުޕްތާ، ތަމަންނާ ބާޓިއާ އަދި ވިޖޭ ވަރުމާއެވެ. ތަމަންނާއާއި ވިޖޭ އެއް ފިލްމަކުން ފެންނައިރު ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮންނަކަމުގެ އަޑުވެސްވަނީ ގަދަވެފައެވެ. ހަތަރު ސެގްމެންޓަކަށް ބަހާލައިގެން އުފައްދާ މިފިލްމުގެ ޑައިރެކްޓަރުންނަކީވެސް ހުނަރުން ފުރިފައިވާ ޓީމެކެވެ. އެއީ އަމިތު ރަވިންދަނަތު، ކޮންކޮނާ ސެން ޝަރުމާ، އާރް، ބަލްކީ އަދި ސުޖޮއި ގޮޝްއެވެ.

"ލަސްޓް ސްޓޯރީސް"ގެ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރުންނަކީ، އަނޫރާގު ކަޝްޔަޕް، ޒޯޔާ އަޚްތަރު، ދިބާކަރު ބެނަޖީ އަދި ކަރަން ޖޯހަރުއެވެ. ކުރިން ގެނެސްދެވުނު ސެގްމެންޓްތަކުގެ ސްޓައިލަށް ވަރަށްގިނަ ބައެއްގެ ފާޑުކިއުންވަނީ އަމާޒުވެފައެވެ.

ނަމަވެސް "ލަސްޓް ސްޓޯރީސް2"ގެ ޓީޒާ ބެލުމަށްފަހު ބެލުންތެރިންގެ ފަރާތުން ލިބިފައިވަނީ ޕޮޒިޓިވް ފާޑުކިއުންތަކެއްކަން ފާހަގަކޮށްލެވޭކަމަށް އިންޑިއާގެ މީޑިއާތަކުންވަނީ ބުނެފައެވެ. މިފިލްމުގެ ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިއުލާނުކޮށްފައިނުވުމުން ފިލްމު ބަލާލުމަށް ކުޑަ އިންތިޒާރެއް ބެލުންތެރިން ކުރަންޖެހެއެވެ.