05 Aug 2010, 15:49
20:30
ބޮޑު ދެ ޕާޓީގެ މެދުގައި ޚިޔާލު ތަފާތުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމެޓީގެ ބައްދަލުވުން މިއަދު މެދުކަނޑާލައިފި އެވެ.
އާއްމު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވީ މިއަދު އޮތް ކޮމެޓީގެ ބައްދަލުވުމުގައި މަޝްވަރާކޮށް، ވޯޓަށް އަހާގޮތަށް ނިންމި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުންނާ ބެހޭ ގާނޫނެއް މަޖިލީހުން ހަދައިފައިނުވާ ކަމަށް ބުނެ މަޖިލީހުގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވެއްޓޭ ގޮތަށް ޖޭއެސްސީން ވާހަކަ ދައްކަމުން ދިއުމާ ގުޅިގެން އެމައްސަލައާ ބެހޭ ގޮތުން ޢަމަލު ކުރާނެ ގޮތާ މެދާއި، ފަނޑިޔާރުން ލައްވައި ޖޭއެސްސީން ކޮށްފައިވާ ހުވައަކީ ރައްޔިތުންގެ މަޖިލީހުން ގަބޫލުކުރާ ހުވައެއްތޯ ނުވަތަ ނޫންތޯ ބެލުމަށް މަޖިލީހަށް ހުށަހެޅުމަށް ވޯޓަށް އެހުން ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާފައިވާ އުއްތަމަ ފަނޑިޔާރުގެ ނަން ހޮނިހިރު ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކުރުމާ ބެހޭ ގޮތުން ކަމަށެވެ.
މޫސަ އިތުރަށް ވިދާޅުވީ ކޮމެޓީގެ ބައްދަލުވުން ކުރިއަށް ދަނިކޮށް އެތަނަށް ޑީއާރުޕީގެ މެމްބަރުން ވަޑައިގެން އެގޮތަށް ވޯޓަށް ނެހޭނެ ކަމަށް ބުނެ އަޑުގަދަކޮށްފައިވާ ކަމަށެވެ.
ނަމަވެސް އާއްމު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ ޑީއާރުޕީން އެފަދަ އެއްވެސް ހަމަނުޖެހުމެއް ހިންގައި، ކޮމެޓީތެރޭ އަޑު ގަދަކޮށްފައި ނުވާނެ ކަމަށެވެ. އަދި މިއަދު މެންދުރު 2:30 އަށް ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވުމަށް ޑީއާރުޕީގެ ބައެއް މެބްރުންނަށް އެސްއެމްއެސް ވެސް ލިބިފައިނުވާ ކަމަށް އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ ޖޭއެސްސީގެ މައްސަލަ އަކީ މިނިވަން މުއައްސާސާތަކުގެ ކޮމެޓީއަށް ހުށަހަޅައިގެން ބަލަންޖެހޭ ކަމެއް ކަމަށާއި އަދި އެ ކަމަކީ މަޖިލީހުގެ އާއްމު ކޮމެޓީގެ މޜންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
އެ ކަމާ ގުޅިގެން އެ ކޮމެޓީގެ މުގައްރިރު އަދި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
11 މެމަބަރުން ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޑީއާރުޕީގެ ފަސް މެމްބަރުންނާއި އެމްޑީޕީގެ ފަސް މެމްބަރުންނެވެ. ކޮމެޓީގެ މުގައްރިރަކީ ކުރިން އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު މިދިޔަ މަހުގެ ފަހުކޮޅު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ނާޒިމް ރަޝާދެވެ.