ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ އާއި އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ ބައްޕަ މަޝްވަރާތައް ކުރި ނަމަވެސް, ފަހުގެ ނިންމުން ނިންމުމުގެ ހުރިހާ ބާރެއް އޮތީ މެސީގެ އަތުގައި ކަމަށް ބާސާގެ ކޯޗު ޒަވީ ބުނެފިއެވެ.

މިހާރު އެންމެން އިންތިޒާރު ކުރަމުންދަނީ މިސީޒަން ނިމުމުން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން މެސީ ނިންމާނެ ނިންމުމަށެވެ. އުމުރުން 35 އަހަރުގެ މެސީ ހޯދުމަށް އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ ސައުދީ އަރަބިއާގެ އަލް ހިލާލުންނެވެ. އޭގެ އިތުރުން މެސީ ހޯދުމަށް އޭނާގެ ކުރީގެ ކްލަބު ބާސާ އާއި އިނގިރޭސިވިލާތުގެ ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އިންޓަ މަޔާމީން ވެސް މަސައްކަތް ކުރެއެވެ.

ބާސާގެ މަސައްކަތަށް އޮތް އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ އެ ކްލަބުގެ މާލީ ހާލަތެވެ. ނަމަވެސް މެސީ ގެނެވޭނެ ގޮތަކާ މެދު ލަލީގާއާ ބާސާ އިން މަޝްވަރާ ކުރަމުންދާ އިރު، މެސީގެ ބައްޕަ ޖޯޖް މެސީ ވަނީ ދާދި ފަހުން ބާސާގެ ރައީސް ޖޮއާން ލަޕޯޓާއާ ބައްދަލުކޮށްފައެވެ. އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ޒަވީ ބުނެފައިވާ ގޮތުގައި މެސީގެ ޓްރާންސްފާއަށް ވާނެ ގޮތަކަށް ތިބެން ޖެހޭނީ ބަލާށެވެ.

"މިހާރު އެކަން އެއޮތީ ބާސާގެ ރައީސާއި މެސީގެ ބައްޕަގެ އަތުގައި. ނަމަވެސް ފަހުގެ ނިންމުން ނިންމުމުގެ ހުރިހާ ބާރެއް އޮތީ މެސީގެ އަތުގައި. ޖެހޭނީ އެ ނިންމުމަށް އިންތިޒާރުކުރަން،" ނޫސްވެރިންނާ ވާހަކަދައްކަމުން ޒަވީ ބުންޏެވެ.

ބާސާގެ ރައީސްއާއެކު ބޭއްވި ބައްދަލުވުމަށްފަހު މެސީގެ ބައްޕަ ޖޯޖް ވަނީ ވާހަކަދައްކައިފައެވެ. އޭނާ ބުނީ ބާސާ އިން ރަނގަޅު ހުށަހެޅުމެއް ހުށަހަޅައިފި ނަމަ، އެނބުރި އެ ކްލަބަށް ދާން މެސީ ބޭނުންވާނެ ކަމަށެވެ.

ބައެއް ހަބަރުތައް ބުނާގޮތުގައި ސައުދީ އަރަބިއާގެ އަލް ހިލާލްގެ ހުށަހެޅުން ގަބޫލުކުރުމަށް ނިންމައި، ވަރަށް އަވަހަށް ރަސްމީކޮށް އެ ކްލަބަށް މެސީ ސޮއިކުރާނެއެވެ. އަލް ހިލާލުން ވަނީ މެސީއަށް ސީޒަނަކަށް މުސާރައިގެ ގޮތުގައި 400 މިލިއަން ޔޫރޯ (439 މިލިއަން ޑޮލަރު) ދޭން ނިންމައިފައެވެ.