ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން ހުށަހަޅައި، މައްސަލަ ފާސްކުރެވޭ ވަރަށް އެމްޑީޕީއިން ސޮއި ހަމަކޮށްފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ގެ މެންބަރަކު "ސަން"އަށް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން މިހާރު 50 މެންބަރުންގެ ސޮއި ހަމަވެފައިވާ ކަމަށާއި މިއަދު އެ މައްސަލަ ހުށަހަޅަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ކުރެއްވި ޓްވީޓެއްގައި ވަނީ އެ މައްސަލަ ހުށަހަޅަން މިހާރު 45 މެންބަރުންގެ ސޮއި ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލަ ހުށަހަޅަން ސޮއި ކުރެއްވި މެންބަރުންގެ ތެރޭގައި އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ހިމެނިވަޑައިގަންނަވައެވެ.

މަޖިލީސް ހިނގާ ގޮތާ މެދު ހިތްހަމަނުޖެހި، އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅުކުރާތާ އެތައް ދުވަހެއް ވެފައިވާއިރު، މިއަދު އެ ޕާޓީން ބޭއްވި ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) ބައްދަލުވުމެއްގައި ވަނީ ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން ނިންމައިފައެވެ. އެހެންވެ، އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް ވެސް ފެށިއެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ޕީޖީ ބައްދަލުވުމަށް ފަހު ވަނީ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއި ހަމަ ކުރަން ފަށާފަ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ނަޝީދާ މެދު ހިތްހަމަނުޖެހުން ބޮޑުވެފައިވަނީ އިމުގެ މައްސަލައިގައި އިދިކޮޅު ޕާޓީތަކުން އެކުވައިލި އިއްތިހާދުން ހުށަހެޅި ބަންޑާރަނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޑުޖައްސާލަން މިއަދު ނަޝީދު ނިންމެވުމާ އެކުގައެވެ.

ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސްގައި ބާކީ އޮތް ބައި ކުރިއަށް ގެންދަން މިއަދަށް އޮތީ ތާވަލުކޮށްފައެވެ. އެކަމަކު، ރިއްފަތު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނާ މައްސަލައެއް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވަނީ ހުށަހަޅައިފައެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އެ މައްސަލަ ހުށަހެޅުއްވީ، ތަޅުމުގައި ބަހުސްކޮށް އިމްތިޔާޒާ ބެހޭ ކޮމިޓީއަށް ހުށަހެޅުމަށެވެ. އެއާ އެކު، ރިޔާސަތުގައި އިންނަވާ ނަޝީދު ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ވެސް އަދި ސީދާ ކޮމިޓީއަށް ވެސް ހުށަހެޅޭނެ ކަމަށެވެ. އެކަމަކު، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން، އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ސޮއި ކުރައްވަނީ --

އެއާ އެކު، ދެ ފަރާތުން އަޑުގަދަކޮށް، އިހުތިޖާޖު ކުރާތީ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ނިޒާމު ވެސް ގެއްލި، ހެނދުނުގެ ސައި ގަޑިއަށް ފަހު ޖަލްސާ ވަނީ ކުރިއަށް ނުގެންގޮސް، ނިންމާލައިފައެވެ.

މަޖިލީހުގައި ނަޝީދާ ނުލައި އެމްޑީޕީގެ 55 މެންބަރުން ތިއްބަވައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްކުރަން ބޭނުންވަނީ 43 މެންބަރުންގެ ވޯޓެވެ.

އެމްޑީޕީން ވަނީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށް ވެސް ހުށަހަޅައިފައެވެ.