ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ހުރަސް އަޅަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ހުއްޓުވުމަށް ޓަކައި ކަމަށާއި އެ ކަން ކުށްވެރިކުރާ ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ފާއިތުވި ދެ ޖަލްސާގައި ވެސް މަޖިލީހުގެ ޖަލްސާތައް ޖެހުނީ މެދުކަނޑައިލާށެވެ. އެއީ މަޖިލީހުގެ ނިޒާމު ގެއްލިފައިވާތީކަމަށް ބުނެއެވެ.

މަޖިލީހުގެ ޖަލްސާތައް ހޫނުވެފައިވަނީ ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު މަޖިލީހަށް ހާޒިރުކޮށް ކުރިއަށް ގެންދާ އިތުބާރު ނެތްކަމުގެ މައްސަލައާ އެކުގައެވެ.

މި ކަމާ ގުޅިގެން ނިހާދު ވަނީ މަޖިލިސް ކުރިއަށް ގެންދަން ހުރަސް އަޅަނީ އީވާ މަގާމުން ވަކިކުރަން ހުށަހަޅައިފައިވާ މައްސަލަ ކުރިއަށްގެންދިޔަ ނުދިނުމަށް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ނިހާދު އެ ކަން ސިފަކުރެއްވީ ރާވައިގެން ހިންގާ "ޖަރީމާ"އެއްގެ ގޮތުގައެވެ.

"އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަންވެގެން ހިންގާ ޖަރީމާ ކުށްވެރި ކުރަން. ރައްޔިތުން އިސްކުރޭ،" ނިހާދު ވިދާޅުވިއެވެ.

ރައްޔިތުންނާ ގުޅުންހުރި ގިނަ ބިލުތަކަކާއި ގަރާރުތަކެއްގެ މަސައްކަތް މަޖިލީހުގައި ހުއްޓުވައިފައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ދެރަވަރު އަމަލެއް ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ވެސް ހުއްޓުވައިފައިވާ ކަމަށެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނުގެންދަނީސް މަޖިލިސް ކުރިއަށް ނުގެންދާނެ ކަމަށް ބުނުމަކީ ވެސް ޚުދުމުހުތާރު އަމަލެއް ކަމަށް ނިހާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލިސް ކުރިއަށް ނުގެންގޮސް ލަސްކުރާނަމަ އެ ކަމުގެ ގެއްލުމާ ކުރިމަތިލާން ޖެހޭނީ ރައްޔިތުންނާ ކަމަށެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކޮށްފައި އޮތީ އަންނަ ހަފުތާއަށެވެ.

ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެ މައްސަލަ އަނބުރާ ގެންދިއުމަށް މެންބަރުންނަށް ދަންނަވަމުންނެވެ.