06 Jun 2023, 16:07
މި މަހުގެ 25 އިން ފެށިގެން ޢީދު ބަންދަށް ސާރުކާރު ބަންދުކުރުމަށް ނިންމާފައިވާއިރު، އެ މުއްދަތުގައި ބޭންކުތަކާއި މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ޚިދުމަތް ދޭނީ މި މަހުގެ 26 ވަނަ ދުވަހު އެކަނި ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
މި އަހަރުގެ ބޮޑު ޢީދާ ގުޅިގެން ސަރުކާރު ބަންދުކުރަން ނިންމީ، ޙައްޖު ދުވަހުގެ ދެ ދުވަސް ކުރިންނެވެ. އެއީ މުޅި ހަފުތާ ބަންދެއްގެ ގޮތުގައި ޢާންމުކޮށް ދިނުމުގެ ގޮތުންނެވެ. މިއާ އެކު މި މަހުގެ 25 ވަނަ ދުވަހު ބަންދުވުމަށް ފަހު، ސަރުކާރު ރަސްމީކޮށް ހުޅުވޭނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ.
އެ ހަފުތާގައި އެމްއެމްއޭގެ އިތުރުން، ބޭންކުތައް ހުޅުވުމަށް އެމްއެމްއޭ އިން ނިންމާފައިވަނީ އެ ހަފުތާގެ ހޯމަ ދުވަހު (މޭއި 26) ގައި އެކަންޏެވެ. އެގޮތުން ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް އެ ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 2:00 އަށް ކުރިއަށް ގެންދިޔުމަށް އެމްއެމްއޭ އިން ނިންމާފައިވާއިރު، ސިޓީ އާއި އެހެން ތަކެތި ބަލައިގަތުން އެ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 2:00 އަށް ކުރިއަށް ދާނެއެވެ.
މި ޢީދާ ދިމާކޮށް ބޭންކުތައް ބަންދުވާއިރު، އެކަމާ ގުޅިގެން މި މަހުގެ 22 ގެ ކުރިން ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް ވެސް މިއަދު ވަނީ އަންގާފައެވެ.
މި މަހު ކުރިން މުސާރަ ދޭން އެންގި ނަމަވެސް، ޢާންމު ގޮތެއްގައި ސަރުކާރު މުވައްޒަފުންނަށް މުސާރަ ޖަމާވަނީ ކޮންމެ މަހެއްގެ ވެސް 28 އާއި 30 އާ ދެމެދުއެވެ.