އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައިފި ނަމަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ހަވާލުވާން ތައްޔާރަށް ހުންނެވި ކަމަށް ޕީޖީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް އެ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ނިންމާފައިވާއިރު، މައްސަލަ ކާމިޔާބު ކުރެވިއްޖެ ނަމަ ދެން އެ މަގާމަށް އަންނާނެ ބޭފުޅަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އެ މަގާމަށް ވަޑައިގެންނެވުމުގެ ޝައުގުވެރިކަން ގެންގުޅުއްވަންތޯ އަސްލަމް ކުރެން އައްސަވާފައެވެ. ނަމަވެސް އެ ސުވާލަށް އަސްލަމް ސާފު ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

އަސްލަމް ވިދާޅުވީ އެކަން ނިންމަވާނީ ޕާލިމަންޓްރީ ގްރޫޕުން ކަމަށާއި، ޕީޖީ ގްރޫޕުން އެފަދަ ނިންމުމެއް ނިންމައިފި ނަމަ އެކަން ހިތުގެ އަޑިން ގަބޫލު ކުރައްވާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އަޅުގަނޑު ނުނިންމަން ވަކި ގޮތަކަށް. ދެން ޕާލިމަންޓަރީ ގުރޫޕުން ނިންމަވާނީ. ޕާލިމަންޓަރީ ގުރޫޕުން އެފަދަ ނިންމުމެއް ނިންމަވައި، އަޅުގަނޑާ ހަވާލުކުރަން ނިންމަވައިފިއްޔާ އެކަން އަޅުގަނޑު ހިތުގެ އަޑިން ގަބޫލު ކުރާނަން،ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އީވާ އަބްދުﷲ ވެސް ވަކި ކުރުމުގެ މައްސަލަ އެމްޑީޕީން ހުށަހަޅާފައި ވާއިރު، އެ މަގާމަށް ކުރިމަތި ލައްވާނެ ބޭފުޅަކާ މެދު ވެސް ޕާލިމަންޓްރީ ގްރޫޕުން މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިހެން ވިދާޅުވެފައިވާއިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އަސްލަމް ގެނައުމުގެ މަސައްކަތް ރައީސް ނަޝީދު އެންމެ ފުރަތަމަ ކުރެއްވިއެވެ. ނަމަވެސް ޚިޔާލުތަފާތުވުން ތަކެއްގެ ސަބަބުން ފަހުން އެ މަގާމަށް ނަޝީދު ކުރިމަތިލެއްވެވުމަށް އެ މަނިކުފާނު ނިންމެވީއެވެ.

އަސްލަމް އަކީ ފާއިތުވި ހަތަރު ދައުރު މަޖިލީހުގައި މެދުނުކެނޑި މަސައްކަތް ކުރައްވާފައިވާ މެންބަރެކެވެ.