29 Apr 2012, 16:46
މި ރާއްޖޭގައި މީހުން އުޅޭ ގާތްގަނޑަކަށް ދުވިސައްތަ ރަށް އޮންނައިރު، އެއިން ހަމަ ކޮންމެ ރަށެއްގައި ވެސް ސަތޭކައިން ހާހުން ގުނޭ އަދަދަކަށް މީހުން ދިރިއުޅެ އެވެ. އެ ބައިމީހުންގެ މެދުގައި އުފެދިފައި އޮންނަނީ ވަރަށް ބޮޑު އެކުވެރިކަމެކެވެ. ގާތްކަމެކެވެ. އެކަކަށް ނުފުދޭ ކަމެއްގައި އަނެކާގެ އެހީތެރިކަން ލިބެނީ، ބުނެ ކިޔައިގެނެއް ނޫނެވެ. އެކަކަށް ބުރަވާ ކަމެއް އަނެކާ އައިސް ލުއި ކޮށްލަދެނީ، އެކަމަށް އެދި އާދޭސް ކޮށްގެނެއް ނޫނެވެ. ހޮޅުއަށިތަކާއި މައިޒާން ތަކުގައި ތިބެ، މަޖާ ވާހަކަތައް ދައްކައި، ހެއްވާ ބަހުސްތައް ކުރަނީ މީހެއްގެ ބާރު އެޅުމަކުން ނޫނެެވެ. މިކަންކަމުގެ ތެރެއިން ފެންނަނީ ހިތްފަސޭހަ މަންޒަރެކެވެ. ރަށުގައި އޮންނަ އެއްބައިވަންތަ ކަމެވެ. އެކުވެރި ކަމެވެ.
ސިފަވެގެން މިދިޔައީ މިގައުމުގެ މިއަދުގެ ހާލަތުގެ ތަސްވީރެއް ނޫނެވެ. އެކަމަކު ހަމައެކަނި ދުރު މާޒީއެއްގެ ތަސްވީރެއްވެސް ނޫނެވެ. ބުނާ ހިތްވަނީ މީގެ ހައެއްކަ އަށެއްކަ އަހަރާ ހަމައަށް ދެމިގެން އައިސްފައިވާ ތަސްވީރެކޭ އެވެ. އެހެންކަމަށް ވާނަމަ މިއަދުގެ ތަސްވީރެއްވެސް ކުރަހާލަން އެބަ ޖެހެ އެވެ. ދެތަސްވީރުގައި ތަފާތެއް ހުރިތޯ އެވެ. ހުރިނަމަ ހުރީ ކޮންކަހަލަ ތަފާތެއްތޯ އެވެ. މަންޒަރު ރީތިވެފައި ޖެއްސިފައި ހުރި ކުލަތައް ރީތިނަމަ އެ އޮތީ ރަނގަޅަށެވެ. ގައުމުގެ ވެރިންނަށާއި ހިންގުންތެރިންނަށާއި އާރުކާޓީންނަށް ސާބަސް ހައްޤުވެ އެވެ. މަންޒަރު ހުތުރުވެ ކުލަތަކުގައި އޮމާންކަމެއް، ލޮލަށް ފަސޭހަމެއްނެތް ނަމަ، އަމުދުން ބިރުވެރިކަމެއް ސިފަވާނަމަ.....
ދާދިފަހުގެ ދުވަހެކެވެ. އުތުރުގެ ރަށެއްގައި ދިރިއުޅޭ ގާތް އެކުވެރިޔަކާ ދިމާވެއްޖެ އެވެ. ހާލު އަހުވާލުގެ ވާހަކައާއި އަނބިދަރީންގެ ވާހަކައަށްފަހު ދެން އަހާލީ ރަށުގެ ކަންތައްތައް ކިހިނެއްތޯ އެވެ. ފުރަތަމަވެސް އާހަކާއެކު ބުނީ، ނުވަތަ ބުނެވުނީ ރަށުގެ ވާހަކަ މިހާރު ރަނގަޅުވާނީ ނުދެއްކިއްޔާ ކަމަށެވެ.
އެކުވެރިޔާ ބުނިގޮތުން މިއަދު އެރަށުގައި އޮތީ ވަރަށް ސާފުކޮށް ބެހިފައި އޮތް ދެ ޖަމާއަތެވެ. ވާހަކަ ދައްކަނީ އެއްބަހަކުންނެވެ. ބޯލަނބަނީ އެއް ދީނަކަށެވެ. އާދަކާދައާއި ސަޤާފަތަކު ތަފާތެއް ނެތެވެ. އެހެންނަމަވެސް ފެންނަ ފެނުމަށް އެއީ، ދެ ނަސްލަކަށް ނިސްބަތްވާ ތަފާތުކަން ބޮޑު ދެ ޖަމާއަތެވެ. އެއް ޖަމާއަތުގެ މީހަކު އަނެއް ޖަމާއަތުގެ މީހަކާ އަނގައިން ބުނުން ފާފައެއް ކަމަށް ދެކޭމީހުން ނޫޅެއޭ ބުނަންވެސް ދައްޗެވެ. އެއަށްވުރެ ބޮޑު ނުރައްކަލަކީ އެއް ބަޔަކު އަނެއް ބަޔަކުދެކެ އަންނަ ރުޅި އެވެ. ކުރާ ޖެއްސުމެވެ. މަލާމާތެވެ. ފުރައްސާރަ ކުރުމާއި އާޑަކިޔުމެވެ. މިވަރުންވެސް ފުއްދާނުލެވޭ މީހުން، އަނެއް ޖަމާއަތާ ކުރިމަތިލައި، ޒުވާބުކޮށް، އަނިޔާދީ، މުދަލަށާއި ތަކެއްޗަށް ގެއްލުންދޭ ފަހަރުވެސް ކުރިމަތިވެ އެވެ.
މިއީ މިއަދުގެ ތަސްވީރެވެ. މިއީ އެއް ރަށެއްގެ ވާހަކަ އެވެ. ކޮންމެ ރަށަކަށް އަރައި ކޮންމެ ރަށެއްގެ ވަކި ތަސްވީރެއް ނަގައި ބެއްޔަސް މިއަށްވުރެ ވަކި ސަހަލު މަންޒަރެއް ފެންނާނެއެކޭ ހިތެއް ނުބުނެ އެވެ. ވިއްޔާ ވާނީ ގޯހެވެ. ގިނަ ރަށްރަށުގައި ދެ ޖަމާޢަތަށް ރަށް ބައިވެފައި އޮތް އިރު، ދެބޭން، ދެމައިން، ދެ ބަފައިން، ދެމަފިރިން ދެ ޖަމާއަތަށް ގޮސްފައި އެބަ ހުއްޓެވެ. ދެން ގޭތެރޭގެ ހާލަތު އޮންނާނޭ ގޮތް ހިތަށް ގެނެސްބަލާށެވެ. ބޭބެ ނައްތާލަން ކޮއްކޮ ނިކުންނަނީ އެވެ. ބައްޕަގެ ކަރުގައި ހިފަން، މަންމަގެ އަގުވައްޓާލަން ދަރިފުޅު ނިކުންނަނީ އެވެ. އާއިލާގެ އެއް މެންބަރަކު އަނެއް މެންބަރަކާ އަނގައިން ނުބުނާތާނގައި، އިސްއުފުލައި ބަލައިނުލައިތިބޭތާ އަހަރުތައް ގުނެމުންދާކަމެއް ނޭނގެ އެވެ. މަންމައާއި ބައްޕަ ވަރިވެ، އާއިލާތައް ބިކަވެ، ކަންކަން ގޯހުން ގޯހަށް ދާއިރު، މިވަނީ ކިހިނެއްކަމާމެދު ވިސްނައިލާ ބަޔަކު ތިބިނަމަ، ފާވެގެން މިއުޅޭ "ރޯގާ"އަށް އެބަޔަކު ފަރުވާއެއް ހޯދަން މަސައްކަތް ފަށަން ވެއްޖެ އެވެ.
މިއަދު ގައުމުގެ ހާލަތު މިއޮތީ އަނެއް އަތަށް ފުރޮޅިފަ އެވެ. މައްޗަށް އޮތް ފުށް ވަތަށް ޖަހާފަ އެވެ. އެކަކަށް ނުފުދުނުކަމެއް ފުއްދައިދޭން ފޫގަޅާފައި އެދުވަހު ނިކުތް މީހާ، މިއަދު އަރުވާޖަހާފައި ނިކުންނަނީ އެއަށްވުރެވެސް ބޮޑު ނިކަމެތިކަމެއް އެމީހާއަށް ދޭށެވެ. އެކަކަށް ބުރަވާ ކަމެއްގައި ލުއި ކޮށްލަދޭން އަމިއްލަައަށް އިސްނަގައި ނިކުން މީހާ، މިއަދު އިސްނަގާތަން ފެންނަނީ އެމީހާ އިނދަ ޖައްސައިލާށެވެ. އެއްކަލަ އުފާވެރި މަންޒަރުތައް ދައްކުވައިދިން ހޮޅުއަށިތަކާއި މައިޒާންތައް ވަނީ، ދެ ބައިވެ ދެކުލަ ޖެހިފަ އެވެ. އެތަނުގައި އޮންނަނީ ދެބައި މީހުން ދެބައި މީހުންނާ ކުރިމަތިލައި ކުރެވޭ ގެރި ޒުވާބެވެ. ޒުވާބުގައި އެއްކޮޅުގައި ބަފަޔެވެ. އަނެއްކޮޅުގައި ދަރި އެވެ. ނޫނީ "އެއްތަށިން ނޫނީ ނުކައި" އުޅުނު އިރެއްގެ ގާތް ދެ މިތުރުންނެވެ. ގަޔަށް އަތްލާ ހިސާބަަށް ދާ ދުވަސް ދުވަހާއި، ގަޔަށް އަތްލެވޭ ދުވަސްތައް މަދެއް ނޫނެވެ. ނިކަމެތިކަމުގެ ކޮޅެއް އެބަ އޮތް ހެއްޔެވެ؟
މިވަރުގެ ބޮޑު "ވަބާއެއް" މިގައުމާ މި ކުރިމަތިވީ ގައުމުގެ ރައްޔިތުންނަށް ކުރެވުނު ކޮން "ފާފައެއްގެ" ސަބަބުން ބާވަ އެވެ؟ މިކަމާމެދު ވިސްނަން ވެއްޖެއެވެ. އިހު މައްޗަށް އޮތްފުށް މައްޗަށް ޖެހޭނެ ގޮތަކާމެދު ފިކުރު ހިންގަން ވެއްޖެ އެވެ. ގައުމު ގައުމެއްގެ ގޮތުގައި ދަމަހައްޓަން ބޭނުންވާނަމަ އެވެ. ގައުމަށް ކުރިއެރުމާއި ތަރައްޤީ ގެންނަން އެދޭނަމަ އެވެ. އަންނަން އޮތް ޖީލުތަކަށް ހެޔޮ އެދޭނަމަ އެވެ. ކޮންމެވެސް ބަޔަކު މިކަމަށް އިސްނަގާށެވެ. އަލިފާންގަނޑެއް ރޯކޮށްލުމަކީ ނުހަނު ފަސޭހަ ކަމެއްކަމާއި، އެ އަލިފާންގަނޑު އަނދައިގަތީމާ ނިވާލުމަކީ އުނދަގޫ ބުރަ ކަމެއްކަން އެނގި ތިބެގެންނެވެ.