06 Jun 2023, 12:26
މި މަހުގެ 22 ގެ ކުރިން ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް މިއަދު އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީ އިން ނެރުނު ސާކިއުލާއެއްގައި ބުނީ މި މަހުގެ 25 އިން 29 އަކީ ސަރުކާރު ބަންދު މުއްދަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ކަނޑައަޅުއްވާފައިވާތީ، ޖޫން މަހުގެ މުސާރަ އެ މިނިސްޓްރީ އިން ޕްރޮސެސް ކުރާނެ އެންމެ ފަހު ދުވަހަކީ މި މަހުގެ 22 ކަމަށެވެ.
އެހެންކަމުން ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތައް ދިނުމުގައި މަސައްކަތްތައް ލުއިފަސޭހަކޮށް އަދި އަވަސް ކުރުމަށްޓަކައި، ޖޫން މަހުގެ މުސާރައާއި އިނާޔަތްތައް ވަކި އޫސޫލުތަކެއްގެ ދަށުން ކުރުމަށް އެ މިނިސްޓްރީ އިން ވަނީ އެދިފައެވެ. މީގެ ތެރޭގައި ހިމެނެނީ:
މި ޖޫން މަހުގެ މުސާރައިގެ އިތުރުން ދޭ ދުވަހުގެ އަދަދުން ހިސާބު ކުރާ އިނާޔަތްތަކާއި އަދި އިތުރު ގަޑީގެ ފައިސާގެ އިތުރުން ގަޑީ ލާރި ހިސާބު ކުރުމުގެ މުއްދަތަކަށް، ނިމިދިޔަ މަހުގެ 16 އިން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބޭނުންކުރުން.
- ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ "އެކައުންޓްސް ޕޭޔެބަލް މޮޑިޔުލް" ބޭނުން ކުރާ އޮފީސްތަކުން މުސާރަ ވައުޗަރުތައް މި މަހުގެ 19 ގެ މެންދުރު 14:00 ކުރިން، ސިސްޓަމްގައި ޕޯސްޓްކޮށް ނިންމުން.
- ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ "އެޗްއާ މޮޑިއުލް" ބޭނުންކުރާ އޮފީސްތަކުން މުސާރަ ޕޯސްޓުކުރުމަށްޓަކައި މި މަހުގެ 18 ވަނަ ދުވަހުގެ އިރުއޮއްސި 18:00 އަކީ އެ މިނިސްޓްރީއިން ސިސްޓަމް "އެގްޒިޓް" ކުރަން ހަމަޖެހިފައިވާ ވަގުތައް ވާތީ އެކަމަށް ސަމާލުވުން.
- ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ "އެޗްއާރް މޮޑިއުލް" ބޭނުން ކުރާ އޮފީސްތަކުން މި މަހުގެ 18 ގެ ކުރިން މުސާރަ ޕޯސްޓް ކުރުން.
ޢާންމުކޮށް ސަރުކާރު މުވައްޒަފުންނަށް މުސާރަ ޖަމާވަނީ ކޮންމެ މަހެއްގެ ވެސް 28 އާއި 30 އާ ދެމެދުއެވެ. އެހެން ނަމަވެސް، މި މަހުގެ 25 އަދި 26 ވަނަ ދުވަސް، ޙައްޖު ދުވަހުގެ ކުރިން ސަރުކާރު ބަންދުކުރުމަށް ނިންމުމާއެކު، ދެން އޮފީސްތައް ހުޅުވޭނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.