06 Jun 2023, 09:53
ދީނީ ދައުވަތު ފެތުރުއްވެވުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި، ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ) ބުދަ ދުވަހު ސިކުނޑީގެ އޮޕަރޭޝަނެއް ކުރަން ތައްޔާރުވެއްޖެެއެވެ.
ޅ. ނައިފަރަށް އުފަން ޝައިހް މުހައްމަދު ބަލިކޮށް އުޅުއްވާތާ ދެ ހަފްތާއަށްވުރެ ގިނަ ވެއްޖެކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނާ ގޮތުގައި ސިކުނޑީގައި އެއްޗެއް އުފެދުމުގެ ސަބަބުން އެ ނެގުމުގެ އޮޕަރޭޝަނެއް ކުރަން ޖެހެއެވެ.
އެހެން ނަމަވެސް، ޝައިހް މުހައްމަދުގެ އަސްލު ބަލި އަދިވެސް ދެނެއެއް ނުގަނެވެއެވެ.
"ބޮލުގައި ރިއްސާފައި ހުން އައިސް ހޮޑުލެވި އެކަހަލަ ކަންތައްތަކެއް ވާން ފެށީ. ރޯގާ ޖެހިފައި އޭގެ ފަހުން ރަނގަޅުވެފައި ކުއްލިއަކަށް ބޮލުގައި ރިއްސަން ފެށީ،" އާއިލާގެ މީހަކު ބުންޏެވެ.
ޝައިހް މުހައްމަދު ހޮސްޕިޓަލަށް ގެންދިޔައީ ނުކެވެން ފެށުމުންނެވެ. މީގެ ހަފުތާއެއްހާ ދުވަސްކުރިން އޭނާ ވަނީ މާލެ ގެނެސް ފަރުވާ ދޭން ފަށައިފައެވެ.
މި ސާޖަރީ ބުދަ ދުވަހު ކުރައްވާނީ ނާރުގެ ޑޮކްޓަރު އަލީ ނިޔާފްއާއި އޭނާގެ ޓީމުންނެވެ. މިއީ ސިކުނޑީގެ ސާޖަރީއަކަށް ވާތީ ރިސްކުތަކެއް ހުންނާނެކަމަށް އާއިލާއިން ޑޮކްޓަރުންނާ ހަވާލާދީ ބުނެއެވެެ.
މަދީނާއިން އިލްމު އުނގެނިވަޑައިގެން އޭނާ ދިރިއުޅުން ބަދަލުކުރެއްވީ އުފަންރަށް ނައިފަރަށެވެ. އޭގެ ފަހުން މަސައްކަތް ކުރެއްވީ މަދަރުސަތުލް އިފްތިތާހުގެ އިސްލާމް ޓީޗަރެއްގެ ގޮތުގައެވެ. އެހެން ނަމަވެސް، ލޮލުގެ ހާލަތު ދެރަވެ މިހާރު މަސައްކަތެއް ނުކުރައްވައެެވެ.
"ލޮލުގެ ހާލަތު ދެރަވެގެން ދެ އަހަރާ ބައި މި ވަނީ އެއްވެސް މަސައްކަތެއް ނުކުރެވި،" އާއިލާގެ މީހަކު ބުންޏެވެ.
މާލެ ގެނައި ފަހުން ޝައިހް މުހައްމަދުގެ ހާލު ވަރަށް ބޮޑުތަނުން ރަނގަޅުކަމަށް އާއިލާއިން ބުނެއެވެ.
އޭނާއަކީ އެކި ދާއިރާތަކުން ފޮތް ވެސް ލިޔުއްވައިފައިވާ ބޭފުޅެކެވެ. އެ ގޮތުން އޭނާގެ ފޮތްތަކުގެ ތެރޭގައި ޙިސްނުލް މުސްލިމް، ކިތާބުއް ޞިޔާމު، ނަބީބޭކަލުންގެ ތަރިކަ، ތައުޙީދުގެ ޚުލަސާ، ކިތާބުއް ޞަލާތު ހިމެނެއެވެ.
ޝައިހް މުހައްމަދުގެ މި ސާޖަރީއަށް އާއިލާއިން އެދެނީ އާއްމުންގެ ހެޔޮދުއާއަށެވެ.