29 Apr 2012, 16:43
އައްޑޫގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކަހާލައި، ހިނގި އެކްސިޑެންޓެއްގައި ދެ ޒުވާނަކު ޒަޚަމްވެއްޖެ އެވެ.
މައުލޫމާތު ލިބޭ ގޮތުގއި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު، އަނިޔާވި ދެ ވަނަ ޒުވާނާ މާލެ ގެނެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.
ފުލުހުން ބުނީ މަރަދޫފޭދު އާއި ފޭދޫ ގުޅުނު ބެންޑު ކައިރީ މިއަދު ހަވީރު 3:45 އެހާކަން ހާއިރު ހިނގި އެ އެކްސިޑެންޓްގައި ދެ ޒުވާނަކު ޒަޚަމްވެފައިވާ ކަމަށެވެ. ނަމަވެސް ލިބުނީ ކިހާވަރެއްގެ އަނިޔާ ކަމެއް ސާފެއްނުވެ އެވެ.
މަންޒަރު ދުށް މީހަކު ސަން އޮންލައިން އަށް މިއަދު ބުނީ ބާރު ސްޕީޑްގައި ދުއްވާފައިދިޔަ އެ ސައިކަލު ކަހާލައިގެން ގޮސް 100 ފޫޓު ދުރަށް ވިއްސައިގެން ދިޔަ ކަމަށާއި ކޮންޓްރޯލުވީ އެހިސާބުގައި ހުރި ގަހެއްގައި ޖެހިފައި ކަމަށެވެ. އަދި ބުނީ ގަހުގައި ޖެހުމާއެކު ސައިކަލު ދެ ފަޅިވެފައިވާ ކަމަށެވެ.
"ފުލުހުންނަށް ރިޕޯޓްލިބިގެން އައިސް ފުލުހުން ނަގައިގެން ގެންދިޔައީ އެދެމީހުންވެސް ހޮސްޕިޓަލަށް، މުޅި ސައިކަލުވެސް އޮތީ އެކަށް ހަލާކުވެފައި،" އެމީހާ ބުންޏެވެ.
ފުލުހުން ބުނީ އަނިޔާވި ދެ ޒުވާނުންނަށް ހިތަދޫ ހޮސްޕިޓަލްގައި ފަރުވާދެމުން ދާކަމަށެވެ. އެ ހޮސްޕިޓަލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ރޭ ވަނީ ލ. އަތޮޅުގައި ވެސް ބާރު ސްޕީޑްގައި ދުއްވި ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފަ އެވެ. އެހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ.