އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ކ. ވާވެއްދިފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހުއްޓުވައިފިއެވެ.

އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއްގެ ތަހުގީގު ކުރިއަށްދާތީ، އެ ފަޅު ވިއްކުން ހުއްޓުވާފައިވާކަން އޭސީސީގެ ސީނިއާ ކޮމިޔުނިކޭޝަންސް އޮފިސަރު ނިޝާން މުހައްމަދުދީދީ ވަނީ "ސަން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

އެކަމަކު، އެ ތަހުގީގާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އޭނާ ހާމަކުރައްވައިފައެއް ނުވެއެވެ.

"އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ މި ވަގުތު އިތުރު މައުލޫމާތު ހިއްސާކުރެވޭކަށް ނެތް،" ނިޝާން ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ވާވެއްދިފަޅުގެ މައްސަލަ ބަލަން ފަށާފައިވަނީ އެ ފަޅު ވިއްކާލަން ވިލާ ކުންފުނިން ނިންމުމާ ގުޅިގެންނެވެ. މީގެ ކުރިން ވެސް، އެ ފަޅުގެ މައްސަލައެއް އޭސީސީން ވަނީ ތަހުގީގު ކޮށްފައެވެ.

ނިމިދިޔަ ސަރުކާރުގައި އެ ފަޅު، އަތުލާފައި ވެސް ވެއެވެ. އެކަމަކު، ސަރުކާރުން އެ ރަށުގެ އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓާ ހަމައިން ކާމިޔާބުކޮށް، ވިލާއަށް ވަނީ އެ ފަޅު އަނބުރާ ލިބިފައެވެ.

އެ ފަޅު އަނބުރާ ހޯދި ފަހުން، 2018 ވަނަ އަހަރު ވެސް އެ ފަޅާ ބެހޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފައިވެއެވެ. އެކަމަކު، އެ ފަހަރު އޭސީސީން ވެސް ނިންމީ، އެ ފަޅު ކުއްޔަށް ހިފި ފަރާތަށް ނުބައްދަލު، ފައިދާތަކެއް ލިބިފައިނުވާ ކަމަށެވެ.