ބާސެލޯނާއިން ރަނގަޅު ހުށަހެޅުމެއް ހުށަހަޅައިފި ނަމަ، އެ ކުލަބަށް އެނބުރި ދާން އާޖެންޓީނާ ތަރި ލިއޮނެލް މެސީ ބޭނުންވާނެ ކަމަށް އޭނާގެ ބައްޕަ ޖޯޖް މެސީ ބުނެފިއެވެ.

މިހާރު އެންމެން އިންތިޒާރު ކުރަމުންދަނީ މިސީޒަން ނިމުމުން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން މެސީ ނިންމާނެ ނިންމުމަށެވެ. އުމުރުން 35 އަހަރުގެ މެސީ ހޯދުމަށް އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ ސައުދީ އަރަބިއާގެ އަލް ހިލާލުންނެވެ. އޭގެ އިތުރުން މެސީ ހޯދުމަށް އޭނާގެ ކުރީގެ ކްލަބު ބާސާ އާއި އިނގިރޭސިވިލާތުގެ ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ އިންޓަ މަޔާމީން ވެސް މަސައްކަތް ކުރެއެވެ.

ބާސާގެ މަސައްކަތަށް އޮތް އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ އެ ކްލަބުގެ މާލީ ހާލަތެވެ. ނަމަވެސް މެސީ ގެނެވޭނެ ގޮތަކާ މެދު ލަލީގާއާ ބާސާ އިން މަޝްވަރާ ކުރަމުންދާ އިރު، މެސީގެ ބައްޕަ ޖޯޖް ވަނީ ދާދި ފަހުން ބާސާގެ ރައީސް ޖޮއާން ލަޕޯޓާއާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމަށް ފަހު ޖޯޖް ބުނެފައިވާ ގޮތުގައި ބާސާއިން ރަނގަޅު ހުށަހެޅުމެއް ހުށަހަޅައިފި ނަމަ، އެ ކުލަބުން މެސީ ފެނުމުގެ ފުރުސަތު ބޮޑެވެ.

"އެއީ މެސީ ލޯބިކުރާނެ ކަމެއް. އެނބުރި ބާސާއާ ގުޅެން މެސީ ބޭނުންވާނެ،" 'ޖިޖަންޓެސްއެފްސީ'އިން ބާސާއާ އަލުން މެސީ ގުޅުމާ މެދު ސުވާލުކުރުމުން ޖޯޖް ބުންޏެވެ.

މެސީގެ ޓްރާންސްފާއާ ގުޅޭ ގޮތުން ބާސާގެ ކޯޗު ޒަވީ ވެސް ވަނީ ދާދި ފަހުން ވާހަކަދައްކައިފައެވެ. ޒަވީ ބުނެފައިވާ ގޮތުގައި ބާސާއާ ގުޅުމުގެ ހުރިހާ ބާރެއް މިހާރު އޮތީ މެސީގެ އަތުގައެވެ.