29 Apr 2012, 16:37
އެއްފަސް ކުރުމުގެ ސިޔާސަތު ރަނގަޅަށް ގާއިމްކޮށްގެން ނޫން ގޮތަކަށް އިގްތިސާދީ ގޮތުން ވެސް އަދި ސިޔާސީ ގޮތުން ވެސް ރާއްޖެ އަށް ކުރިއެރުން ލިބިގެން ނުދާނެ ކަމަށް ނައިބު ރައީސް މުހައްމަދު ވަހިއްދީން (ޑީން) ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް ކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމަށް ފަހު މިއަދު ރައީސް އޮފީހުގައި ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑީން ވިދާޅުވީ އެއްފަސްކުރުމުގެ ސިޔާސަތަކީ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި އެކަން އެގޮތަށް ކޮންގެން މެނުވީ އިގްތިސާދީ ގޮތުން ރާއްޖެ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި އިގްތިސާދީ ގޮތުން ދެމި ހުންނަ ސިޔާސަތުގެ ދަށުން ގިނަ މީހުންތަކެއް އެއްތަނެއްގައި ވަޒަން ވެރިކޮށްގެން މެނުވީ ދެމިހެއްޓެނިވި ތަރައްގީއެއް ނުހޯދޭނެ ކަމަށެވެ.
"މަދު މީސްކޮޅެއް 400 މީހުންތިބި ނަމަވެސް އެތަނުގައި ވެސް އެބަޖެހޭ ފާހަނާގެ ނިޒާމް، ބަނދަރުގެ ނިޒާމް ގާއިމްކުރަން. ކޮބާތޯ އިކޮނޮމީ އޮފް ސްކޭލަކީ މިއީ ހުރިހާ ރައްޔިތުން ވިސްނަން ޖެހޭ ކަމެއް،" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ އެއްފަސްވާން ޖެޙޭނީ ރައްޔިތުން ކަމަށާއި އެފަރާތްތައް ކުދުކުދި ރަށްތަކުގައި އުޅުމަށް ފަހު ބޮޑު ތަނަކަށް ބަދަލުވާ އިރު އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ރަނގަޅު ހިދުމަތްތައް ވެސް ލިބެން ޖެހޭނެ ކަމަށާއި އެގޮތުން އެފަދަ ތަންތަނަކީ ތައުލީމީ ސިއްހީ އަދި އިޖުތިމާއީ ގޮތުން ވެސް ރަނގަޅު ތަނަކަށް ވާން ޖެހޭނެ ކަމަށް ބާއިބު ރައީސް ވިދާޅުވި އެވެ.
"އެމީހުން ދާތަނަކުން ލިބެން ޖެހޭނެ ސިއްހީ ހިދުމަތްތަކާއި އަދި އިޖުތިމާއި ހިދުމަތްތަކާއި އެހެނިހެން ހިދުމަތްތައް އަގުހެޔޮކޮށް ލިބެން ހުންނަން ޖެހޭނެ. އެހެން ވީމާ މިގޮތުން މިކަމަށް މިއަދުގެ ސަރުކާރުން ވަރަށް ބޮޑަށް އެއްބާރުލުން ދެވޭނެ ކަމަށް އުއްމީދު ކުރެވޭ. ނަމަވެސް އަދި ތަފުސީލްކޮށް މިވާހަކަތައް މިއަދުގެ ސަރުކާރަކާއި ދައްކާފައެއް ނޯންނާނެ،" ޑީން ވިދާޅުވި އެވެ.
ވަހިއްދީން ވިދާޅުވީ އެމަނިކުފާނު ގަބޫލް ކުރައްވާ ގޮތުގައި އެމަނިކުފާނުގެ ތަސައްވަރަކީ އެއްފަސްކުރުމުގެ ސިޔާސަތު ތަންފީޒުކުރާ އިރު ހުޅުމާލެ ވަރު މީހުން ދިރިއުޅޭ 25 ނުވަތަ 30 ރަށް ކަމަށާއި އެއިން ކޮންމެ ރަށެއްގެ ރަށެއްގައި 70000 ވަރަކަށް މީހުން ދިރިއުޅޭނެ ކަމަށް ގަބޫލް ކުރެވޭ ކަމާށް ވިދާޅުވި އެވެ.
"އެއްފަސްކުރުމުގެ ސިޔާސަތު ހަގީގަތަކަށް ނުވެ ހިނގައްޖެއްޔާ ފޫނެތް ފަޔަކަށް ފެންފުރުން ކަހަލަ ކަމަކަށް ވާނީ. މިހާރު ވެސް ބަޖެޓް ބޮޑުވެގެން ބޮޑުވެގެން މިދަނީ ކުރަން ޖެހޭ ހަރަދުތައް ގިނަވަނީ،" ވަހިއްދީން ވިދާޅުވި އެވެ.
ނާއިބު ރައީސް ވިދާޅުވީ ލިބޭ ފައިސާއަކުން ދެކޮޅު ޖައްސާ ކަމަށް ވަނީ ނަމަ އެއްފަސްކުރުމުގެ ސިޔާސަތަކީ މުހިންކަން ދީގެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.