06 Jun 2023, 12:45
ތަމަޅަ އަދި ހިންދީ ފިލްމުތަކުން ފެނިފައިވާ ތަޖުރިބާކާރު އެކްޓަރު އާރް މާދަވަންއަށް ފިލްމީ ދާއިރާއިން ލިބޭ ކާމިޔާބީއަށް ވުރެ ބޮޑަށް ދަރިފުޅު ހޯދާ ކާމިޔާބީއާ މެދު ފަޚުރުވެރިވެވޭ ކަމަށް މާދަވަން ބުނެފިއެވެ.
މީގެ ފަސްވަރަކަށް ދުވަސްކުރިން ޢުމުރުން 53 އަހަރު ފުރުނު އެކްޓަރު ބުނެފައިވަނީ 30 އަހަރާ ގާތްކުރާ މުއްދަތަކަށް ހިންދީ ސިނަމާގައި މިހާރު މަސައްކަތް ކުރެވިއްޖެ ކަމަށެވެ. އެހެންނަމަވެސް ފިލްމެއް ކުޅެގެން ލިބޭ އެވޯޑަކަށް ވުރެ 17 އަހަރުގެ ދަރިފުޅު ވެދާންތުގެ ކެރިއަރުގައި ހޯދާ ކާމިޔާބީގެ މާނަ މާ ފުން ކަމަށެވެ.
ވެދާންތު މާދަވަންއަކީ އާރް މާދަވަން އާއި އަންހެނުން ސަރީތާގެ ހުރި ހަމައެކަނި ދަރިފުޅެވެ. ވެދާންތުއަކީ ފެތުމުގެ ކުޅިވަރުން އިންޑިއާ ފަޚުރުވެރިވާ ފަދަ ކާމިޔާބީތައް ހޯދަމުން އަންނަ ޒުވާނެކެވެ.
އޭގެ ތެރޭގައި 48 ވަނަ ޖޫނިއާ ނެޝަނަލް އަކުއަޓިކްސް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ އިތުރުން ހަތަރު ގޯލްޑް މެޑަލްއާއެކު ތިން ސިލްވާ މެޑަލް ވެދާންތު ވަނީ އިންޑިއާއަށް ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން 1500 މީޓަރުގެ ފްރީސްޓައިލް ފެތުން އެންމެ އަވަހަށް ނިންމާލި ރެކޯޑު ވެސް އޮތީ ވެދާންތު އަތުގައެވެ.
މިއީ މިހާތަނަށް ފެތުމުގެ ކުޅިވަރުގައި އުޅޭ ފަރާތަކަށް މި ރެކޯޑް މުގުރާލެވުނު ފުރަތަމަ ފަހަރު ވެސް މެއެވެ. ފެތުމުގެ ދާއިރާއިން ހާއްސަ ތަމްރީނުތަކެއް ހެދުމަށް ވެދާންތު ވަނީ ދުބާއީގައި ޚާއްސަ ތަމްރީނުތަކެއް ވެސް ފުރިހަމަކޮށްފައެވެ. ދަރިފުޅާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އެކްޓަރު މާދަވަން ބުނެފައި ވަނީ، އަމިއްލަ ޤައުމަށް ދަރިފުޅު ގެނެސްދޭ ކާމިޔާބީތަކާ މެދު ފަޚުރުވެރިވެ އެކަމަށް ޝުކުރު އަދާކުރާކަމުގައެވެ.
ގިނަ ބަޔަކު އުއްމީދު ކުރީ މާދަވަންއެކޭ އެއްގޮތަށް ދަރިފުޅު ވެދާންތު ވެސް އެކްޓިންގް ދާއިރާއިން ފެންނާނެ ކަމަށެވެ. ވެދާންތު އެކްޓިންގް ދާއިރާ އާއި ގުޅުން ނެތް އެހެން ދާއިރާއެއް ޚިޔާރުކުރުމުން އެކަމާ އެއްގޮތަކަށް ވެސް ދެރަނުވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ވެދާންތު މިހާރު ތައްޔާރުވަމުން އަންނަނީ ބައިނަލްއަޤްވާމީ އޮލިމްޕިކް ގޭމްސްގައި އިންޑިއާ ރަމްޒުކޮށްދިނުމަށް ކަމަށާއި އެ ހުވަފެން ހަގީގަތަކަށް ވާނެ ދުވަހަކަށް ޢާއިލާއިން އިންތިޒާރުކުރާ ކަމަށް މާދަވަން ވަނީ ބުނެފައެވެ.
ފިލްމު އިންޑަސްޓްރީގެ ގިނަ ތަރިންގެ ކުދިން ފިލްމީ ދާއިރާއިން ކުރިޔަށް ދަނީ އެ ކުދިންނަށް އެ ދާއިރާއިން ކުރިޔަށް ދެވޭނެ މަގު ފަސޭހަވުމުން ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ވެސް އަބަދު ވެސް ފާޑުކިޔައެވެ. އެހެންކަމުން އެ ނޫން ދާއިރާއެއް ޚިޔާރުކޮށް، ވެދާންތު ކާމިޔާބު ހޯދަމުން ދާތީ ގިނަ ބަޔަކު އަންނަނީ އޭނާއަށް ތައުރީފުކުރަމުންނެވެ.