06 Jun 2023, 10:28
މާވެލްގެ މަގުބޫލު ސުޕަހީރޯ ފްރެންޗައިޒް ކަމަށްވާ "ގާޑިއަންސް އޮފް ގެލެކްސީ"ގެ ތިންވަނަ ފިލްމުގެ އާމްދަނީ 780 މިލިއަން ޑޮލަރަށް ވުރެ އިތުރުވެއްޖެއެވެ.
މިދިޔަ މަހުގެ ފަހަކުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކަމުން އަންނަ ގާޑިއަންސް އޮފް ގެލެކްސީ ފްރެންޗައިޒްގެ ތިންވަނަ ބައި ވަނީ ބޮޑެތި ކާމިޔާބީތަށް ހޯދާފައެވެ. އެގޮތުން މި އަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން މި ފިލްމަކީ ދެވަނައަށް އެންމެ ބޮޑު އޯޕެނިން އެއް ހޯދި ފިލްމެވެ.
ފިލްމުގެ އާމްދަނީ މިހާރު 800 މިލިއަނާ ގާތް ކުރާއިރު އެއް ބިލިއަން ޑޮލަރަށް އެރުމަށް ބޭނުންވަނީ 200 މިލިއަނެއްހާ ޑޮލަރެވެ. ނަމަވެސް މި ހަފުތާއަކީ ސިނަމާތަކުގައި ފިލްމު އަޅުވާ ފަހު ހަފުތާއެވެ. އެއާ އެކު ފިލްމަށް އެއް ބިލިއަންގެ އާމްދަނީއެއް ލިބުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.
ލަފާ ކުރެވޭ ގޮތުގައި ފިލްމު ދައްކާ ނިންމައި ސިނަމާތަކުން ނަގާއިރު ފިލްމަށް ލިބޭނީ 820 މިލިއަނާ ގާތް ކުރާ އަދަދެކެވެ.
މި ފިލްމާ އެކު ގާޑިއަންސް އޮފް ގެލެކްސީގެ ވާހަކަ ނިމުނީއެވެ. ދެން ގާޑިއަންސް އޮފް ގެލެކްސީގެ ފިލްމެއް ނުނެރޭނެއެވެ. ފްރެންޗައިޒްގެ ތިން ފިލްމުގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ދެވަނަ ފިލްމަށެވެ. ފްރެންޗައިޒްގެ ދެވަނަ ފިލްމަށް 869 މިލިއަން ޑޮލަރުގެ އާމްދަނީ ލިބުނުއިރު ފުރަތަމަ ފިލްމަށް ވަނީ 770 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.
ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮތް ފްރެންޗައިޒްގެ ފަހު ފިލްމު ވެސް ވަނީ ގިނަ ބަޔަކު ބަލައިގަނެފައެވެ. މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާނީކްރިސް ޕްރެޓްގެ އިތުރުން ޒޯއީ ސެލްޑާނާ އާއި ޑޭވް ބޯޓީސްޓާގެ އިތުރުން ވިލް ޕޫލްޓާ އާއި ކޭރެން ޖިލާން އަދި ޕޮމް ކްލެމެންޓީފްއެވެ.