ސާފް ޗެމްޕިއަންޝިޕް 2023ގައި ވާދަކުރާ ރާއްޖޭގެ ޓީމް، އިތުރު ތަމްރީނުތައް ހޯދުމަށް ޖަޕާނަށް ފުރައިފިއެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު ޖަޕާނަށް ފުރާފައިވަނީ ސްކޮޑާ އެކުއެވެ.

އެ ސްކޮޑުގައި ސީނިއާ ކުޅުންތެރިންގެ އިތުރުން ޒުވާން ކުޅުންތެރިންތަކެއް ވެސް ހިމެނެއެވެ. ނަމަވެސް އަނިޔާގެ ސަބަބުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ސްކޮޑުގައި ހިމެނިފައިނުވާ އިރު, ޕްރިލިމިނަރީ ސްކޮޑުން ބާކީކުރި ކުޅުންތެރިންގެ ތެރޭގައި މިސީޒަނުގައި އެންމެ ރަނގަޅު ކުޅެމެއް ދައްކަމުންދާ ކްލަބު އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) ހިމެނުނެވެ.

މިފަހަރުގެ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 އިން އަންނަ މަހުގެ ހަތަރެއްގެ ނިޔަލަށް އިންޑިއާގައެވެ. މުބާރާތުގައި ސާކަށް ނިސްބަތްވާ ހަ ގައުމުގެ އިތުރުން ލުބުނާނާއި ކުވެއިތު ވާދަކުރާނެއެވެ.

ޖަޕާނަށް ފުރި ގައުމީ ޓީމް 10 ދުވަހުގެ ކޭމްޕެއްގައި ފުކްޝީމާގައި މަޑުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ގައުމީ ޓީމް ކޭމްޕް ކުރުމަށް ހަމަޖެހިފައިވަނީ، ޖަޕާނުގެ ގައުމީ ޓީމުވެސް ބޭނުންކުރާ ފުކްޝީމާގެ ޙާއްޞަ ވިލެޖެއްގައެވެ. މި ކޭމްޕްގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ތަމްރީނުތަކަށްފަހު ރާއްޖޭގެ ޓީމް އިންޑިއާއަށް ދިއުމަށް ހަމަޖެހިފައިވަނީ ޖަޕާނު މަގުން މި މަހުގެ 15 ވަނަ ދުވަހުއެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޤައުމީ ޓީމް ޖަޕާނަށް ފުރުމުގެ ކުރިން--- ސަން ފޮޓޯ/މުހައްމަދު ޝާތިއު

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ބަންގުލަދޭޝް އާއި ބޫޓާން އަދި ލުބުނާންއާ އެކު "ގްރޫޕު ބީ" ގައެވެ. އެ ގްރޫޕުގެ ފުރަތަމަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ލުބުނާނާއި ބަންގުލަދޭޝް ބައްދަލުކުރާ އިރު، އެ ގްރޫޕުގެ ދެވަނަ މެޗުގައި ރާއްޖެއިން ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޤައުމީ ޓީމް ޖަޕާނަށް ފުރުމުގެ ކުރިން ވީއައިއޭގައި--- ސަން ފޮޓޯ/މުހައްމަދު ޝާތިއު

އެންމެ ވަރުގަދަ ގްރޫޕެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ "ގްރޫޕު އޭ" އެވެ. އެ ގްރޫޕުގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި އެންމެ ފަހުގެ ރަނަރަޕް ނޭޕާލްގެ އިތުރުން ޕާކިސްތާނާއި ކުވެއިތެވެ. މުބާރާތް ފަށާނީ ވެސް އެ ގްރޫޕުގެ މެޗުތަކުންނެވެ.

ރާއްޖެއިން ވަނީ ދެ ފަހަރަކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.