ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމާ ދެކޮޅަށް މާޗް މަހުގެ ފުރަތަމަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހުންނާ ދިމާލަށް ޕޭމަންޓް ގަލެއް އެއްލި ކަމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް މިއަދު ދައުވާކޮށްފި އެވެ.

އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ނ. މިލަދޫ، ނޫރާނީއާގޭ ހުސެއިން އަލީގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މާޗް އެއް ވަނަ ދުވަހު މާލޭގައި ކުރި މުޒާހަރާތަކުގެ ތެރެއިން އަލިކިލޭގެފާނު މަގާއި ލިލީމަގު ގުޅުނު ހަތަރު އަނގޮޅީގައި ހުރެ ފުލުހުންނާ ދިމާލަށް ޕޭމަންޓްގާ އުކާފައި ވާތީ އޭނާގެ މައްޗަށް ކުރާ ދައުވާއަކީ ފުލުހުންގެ ދައުރު އަދާކުރަން ހުރި މީހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ކުށުގެ ދައުވާ އެވެ.

ނަމަވެސް ދައުވާ ހުށަހެޅުމުން އޭނާ ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.

އޭނާ ބުނީ ފުލުހުންނާ ދިމާލަށް އޭނާ ޕޭމަންޓް ގާ އުކި ކަމަށް އެއްވެސް ފުލުހަކަށް ބުނެވެން ނޯންނާނެ ކަމަށެވެ. އަދި ބުނީ އޭނާ އަކީ މިހާތަނަށް އެފަދަ ދަށުދަރަޖައިގެ އަމަލެއް ހިންގާފައިވާ މީހެއް ނޫން ކަމަށެވެ.

"އެއްވެސް ފުލުހަކަށް ނޯންނާނެ ބުނެވޭ ކަމަށް އަޅުގަނޑު ފުލުހުންނާ ދިމާލަށް ޕޭމަންޓްގާ އުކިކަމަށް. އަޅުގަނޑަކީ މިހާތަނަށް އެފަދަ ދަށުދަރަޖައިގެ އަމަލެއް ހިންގާފައިވާ މީހެއް ނޫން،" އޭނާ ބުންޏެވެ.

އޭނާ ދައުވާ އަށް އިންކާރު ކުރުމުން ދައުލަތުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށް ޓަކައި ހަތަރު ފުލުހެއް ހެކީންގެ ގޮތުގައި ހުށަހަޅައިފަ އެވެ.

އޭނާ ބުނީ ގާނޫނު އަސާސީން ލިބިދޭ ހައްގުގެ ދަށުން އެ ދުވަހު މުޒާހަރާ އަށް ގޮސް ހަޅޭލަވާފައި ވާނެ ކަމަށާއި ނަމަވެސް ހަމަނުޖެހުން ހިންގުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

އޭނާ ބުނީ އެ ދުވަހު ފުލުހުން އޭނާ ހައްޔަރުކުރުމުގެ ސަބަބުން އޭނާ މަސައްކަތްކުރާ ކަލާސް ގްރޫޕްގެ ފިހާރައިގެ ވަޒީފާ އިން ވެސް ވަކިކުރި ކަމަށެވެ. އަދި ބުނީ އޭނާ މަސައްކަތްކޮށްގެން އަލުން ވަޒީފާ ދިންކަމަށާއި ވަޒީފާ ދިން އިރު އެލަވަންސްތައް ކަނޑާލާފައިވާ ކަމަށެވެ.

އޭނާ ބުނީ މާޗް އެއްވަނަ ދުވަހަކީ އޭނާގެ ހަޔާތުގައި ވެސް މުޒާހަރާއެއްގައި ފުރަތަމަ ފަހަރަށް ހައްޔަރުކުރި ދުވަސް ކަމަށާއި ދުވަހަކު ވެސް ކުށުގެ ރެކޯޑެއް އޭނާގެ ނޯންނާނެ ކަމަށެވެ. އަދި އެ މައްސަލައިގެ ޝަރީއަތް އަވަސްކޮށްދިނުމަށް ވެސް އޭނާ ވަނީ ކޯޓުގައި އެދިފަ އެވެ.

އޭނާގެ އިތުރުން ގދ. ތިނަދޫ، އަބުހަރީއާގޭ ސައުދު އަލީގެ މައްޗަށް ދައުލަތުން މިއަދު ވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅަން މަސައްކަތް ކުރިމަކުގެ ކުށުގެ ދައުވާކޮށްފަ އެވެ. އޭނާގެ މައްޗަށް ވެސް ދައުވާކޮށްފައި ވަނީ މާޗް އެއް ވަނަ ދުވަހު އަލިކިލޭގެފާނު މަގާ ލިލީމަގު ގުޅުނު ހަތަރު އަނގޮޅީގައި ހުރެ ފުލުހުންގެ ޝީލްޑުތަކުގައި އަތުންނާއި ފައިންތަޅާފައިވާ ކަމުގެ ތުހުމަތުގަ އެވެ.

އޭނާ ވަނީ ދައުވާ އަށް އިންކާރުކޮށް ވަކީލަކު އައްޔަންކުރުމަށް ފުރުސަތަކަށް އެދިފަ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ އޭނާ އަށް ވަކީލަކު އައްޔަން ކުރުމަށް ފުރުސަތު ދިނުމަށް ފަހު އެވެ.