06 Jun 2023, 10:53
އެޕަލްގެ ވީއާރް ހެޑްސެޓް ނެރުމުގެ ކުރިން އެޕަލް ހިއްސާ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާ ކަމަށް ބައިނަލް އަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެޕަލްގެ ހިއްސާ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައި މިވަނީ އެ ކުންފުނީގެ އަހަރީ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސްގައި އެ ކުންފުނީގެ މިކްސްޑް ރިއަލިޓީ ހެޑްސެޓް ހިމެނޭ ގޮތަށް އާ އަޕްޑޭޓްތަކާއި ޕްރޮޑަކްޓްތަކެއް ތައާރަފް ކުރަން ތައްޔާރުވަމުން ދަނިކޮށެވެ.
ހޯމަ ދުވަހުގެ ހެނދުނު އެ ކުންފުނީގެ ހިއްސާ 1.5 އިންސައްތައަށްވުރެ މައްޗަށް ގޮސް 182.01 ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާއިރު، 3 ޖެނުއަރީ 2022 ގައި އެ ކުންފުނީގެ ހިއްސާ ވަނީ 182.94 ޑޮލަރަށް ވުރެ މައްޗަށް ގޮސްފައެވެ. އެޕަލްގެ ހިއްސާ މިހާތަނަށް 39 ޕަސެންޓަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އެ މުއްދަތުގައި ނެސްޑެކް ވަނީ ގާތްގަނޑަކަށް 26.5 ޕަސެންޓް އުފުލިފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެޕަލްގެ ހެޑްސެޓުގައި ބޭނުންކުރާ މީހާގެ ލޮލުގެ ކުރިމަތީގައި ހައި ޑެފިނިޝަން ސްކްރީންތައް ހުންނާނެއެވެ. ނަމަވެސް ބައެއް ފަހަރު ޕާސްތްރޫ ނުވަތަ މިކްސްޑް ރިއަލިޓީ ކިޔާ ޓްރިކެއް ކަމަށްވާ ޑިވައިސްގައި ހަރުކޮށްފައި ހުންނަ ހައި ޕަވާ ކެމެރާތައް މެދުވެރިކޮށް ހަގީގީ އިޙްސާސްތަކެއް ކުރެވި، ހަގީގީ ދުނިޔެއާ މުއާމަލާތް ކުރެވޭނެއެވެ.
ޓެކް މާހިރުން ވިދާޅުވާ ގޮތުން، އެޕަލްގެ އާ ހެޑްސެޓަކީ މާޔޫސްކަމުން ފުރިފައިވާ ޓެކްނޮލޮޖީއަކަށް އާ އިންވެސްޓްމަންޓެއް އަންނާނެ ކަމެކެވެ.
ފޭސްބުކް މެޓާގެ ނަމުން ރީބްރޭންޑް ކުރިއިރު 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވީއާރް އާއި މެޓާވާސް ހެޑްސެޓްތަކަށް ސަމާލުކަން ދިނެވެ. އެކަމަކު އޭގެ ފަހުން މިހާރު ހުރި ވީއާރް ހެޑްސެޓްތަކުގެ ސޭލްސް ދަށްވެފައި، ބޭނުން ކުރުމުގައި މައްސަލަތައް ދިމާވެފައިވާތީ، ކާމިޔާބު ވީއާރް ސޮފްޓްވެއާ ކުންފުނިތަކުން އުފައްދާނެ ކަމަށް ބެލެވުނަސް އަދި މިހާތަނަށް އެކަންވަނީ ހަގީގަތަކަށް ނުވެ އެވެ.
އަދި ހަމަ މިވާހަކަތަކާއެކު ހޯމަ ދުވަހުގެ ކުރީކޮޅު މެޓާގެ ހިއްސާ ވަނީ ގާތްގަނޑަކަށް އެއް ޕަސެންޓް ދަށަށް ގޮސްފައެވެ.
ޓެކްރިޕޯޓްތައް ބުނާގޮތުގައި އެޕަލްގެ ވީއާރު ހެޑްސެޓަކީ ވާޗުއަލް ރިއަލިޓީ އާއި އޮގްމެންޓެޑް ރިއަލިޓީ ކެޕޭސިޓީ ވެސް ފޯރުކޮށްދޭނެ، ޑިޖިޓަލް ކޮންޓެންޓް އާއި ރިއަލް ވޯލްޑް އެއްވެސް ދަތިކަމެއް ނެތި ގުޅުވައިދޭނެ އާދަޔާ ޚިލާފު އުފެއްދުމެކެވެ.