05 Jun 2023, 18:36
ޕާކިސްތާނުން ރާއްޖެ އައި މީހެއްގެ ލަގެޖުން 10.14 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން މިއަދު އަތުލައިގެންފިއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަމުން ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގަތީ، ޕާކިސްތާނުގެ އުމުރުން 25 އަހަރުގެ ފިރިހެން ފަސިންޖަރަކާ މެދު ޝައްކުކުރެވިގެން އޭނާއާ ސުވާލުކޮށް، ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން އެ ތަކެތި ކަސްޓަމްސްއިން ތަހުލީލުކުރި ކަމަށާއި އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންކަން ތަހުލީލުން އެނގުނު ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އެ މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 10.14 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ކަސްޓަމްސްއިން ވަނީ ލަފާކޮށްފައެވެ.
ވައިގެ މަގުން ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި ވަނީ ފަހަކަށް އައިސް ގިނަވެފައެވެ.