ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ މަސައްކަތް އެމްޑީޕީން އަދި ފަށާފައި ނުވަނީ އެ މަނިކުފާނަކީ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ ރައީސް ކަމަށް ވާތީ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަނީ މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކުރަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ވަކި އެޖެންޑާ އެއްގެ ދަށުން، ގަވާއިދާ ޚިލާފަށް ކަމަށް ތުހުމަތު ކުރައްވާ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެންބަރު ވިދާޅުވީ، ރައީސް ނަޝީދު އަމަލުކުރައްވާ ގޮތުގެ ކަންބޮޑުވުން އިތުރުވެ، އެ މަނިކުފާނު މަގާމުން ދުރު ކުރުމަށް އެމްޑީޕީގެ ޕީލަމެންޓްރީ ގްރޫޕްގައި "ފުން ކޮށް" ވިސްނަމުންދާ ކަމަށާއި، ނަމަވެސް އެމަސައްކަތް އަމަލީ ގޮތުން ފަށާފައި ނުވަނީ އެ ކަން ކުރާނެ ވަގުތު ނުޖެހޭތީ ކަމަށެވެ.

އެނގިވަޑައިގަންނަވާނެ ރިޔާސަތުގައި އެ އިންނެވީ އަޅުގަނޑުމެން ޕާޓީގެ ވެސް ރައީސް. އެހެންވީމާ ދިމާވާ މައްސަލަތަކެއް ތަކުރާރުވަމުންދާއިރު ޓަސް ލާފަ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސްދާނެ. އެކަމާ މެދު ވިސްނަމުން އެބަ ދޭ. ނަމަވެސް ގޮތެއް އަދި ނުނިންމާ.ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު

މެންބަރު ވިދާޅުވީ، ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސަށް ވެސް ވުމާއެކު އެ މަނިކުފާނަށް ޕާޓީން އިޙްތިރާމް ކުރާ ކަމަށާއި، ޕާޓީގެ ވިސްނުން އަދި ހުރީ ކުއްލިއަކަށް އެ މަނިކުފާނު މަގާމުން ދުރު ކުރުމުގެ ބަދަލުގައި ވާހަކަ ދައްކައިގެން މަޝްވަރާގެ އަލީގައި އެކަމަށް ހައްލެއް ގެނައުމަށް ކަމަށެވެ.

"ކުރަން ނުކެރުން ނުވަތަ ކުރަން ބޭނުން ނުވުން. އެއެށް ނޫން [ސަބަބަކީ]. އެހެންނަމަވެސް ޕާޓީގެ ރައީސް ވީމަ އެ އޮންނަ އިޙްތިރާމެއްގެ ސަބަބުން ވާހަކަ ދައްކައިގެން ކަންކަން ހައްލުކޮށް އޮމާން ކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން މި ދަނީ،" މެންބަރު ވިދާޅުވިއެވެ.

ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް މައްސަލައިގައި ރިޔާސަތުން އަމަލުކޮށްފައިވާ ގޮތް ބަލައި ނުގަނެވޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެގޮތުން، ވަޒީރެއްގެ އިތުބާރުނެތް މައްސަލައެއްގައި ދެ ގޮތަކަށް ދިފާއުވުމުގެ ފުރުސަތު ގާނޫނުއަސާސީން ފަހިކޮށް ދީފައި ވީނަމަވެސް، އޭޖީ ލިޔުމުން ޖަވާބު ހުށަހެޅުއްވުމުން އެ މައްސަލަ ކުރިއަށް ނުގެންދެވުން އެޕާޓީން ވަނީ އެކަން ކުށްވެރި ކޮށްފައެވެ.

އަދި މިއަދު މައްސަލަ ކުރިއަށް ގެންދިޔަ ވަގުތު ރިފްއަތަށް ދިފާއުވުމުގެ ފުރުސަތު ދިނުމުގައި އަމަލު ކުރައްވާފައި ވަނީ ޒިންމާދާރުކުޑަކޮށް ކަމަށް އެމްޑީޕީން ބުންޏެވެ.