ސާކް ގައުމުތަކުގެ އިންތިހާބުތައް މެނޭޖްކުރާ ބޮޑީތަކުގެ ވެރިންނާ އެކު ބާއްވާ ކޮންޕަރެންސެއްގައި ބައިވެރިވެވަޑައި ގަތުމަށް އިލެކްޝަންސް ކޮމިޝަންގެ މަންދޫބަކު އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮންފަރެންސަކީ އިންޑިޔާގެ ނިއު ދިއްލީގައި މި މަހުގެ 30 އިން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ ކޮންފަރެންސެއް ކަމަށާއި ކޮންފަރެންސުގައި އެ ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނަ ވާނީ އެކޮމިޝަންގެ މެންބަރު އިބްރާހިމް ވަހީދު ކަމަށެވެ.

"ތާޑް ކޮންފަރެންސް އޮފް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް އޮފް ސާކް މެމްބާސް ޓޭޓްސް"ގެ ނަމުގައި ބާއްވާ މި ކޮންފަރެންސްގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމުގައި މީޑިއާ އާއި ރައްޔިތުންގެ ދައުރާ ބެހޭ ގޮތުން އެ ކޮމިޝަންގެ މެންބަރު ވަހީދު ޕްރެޖެންޓޭޝަނެއް ދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ސާކް ގައުމުތަކުގެ އިންތިހާބްތައް މެނޭޖްކުރާ ބޮޑީތަކާ އެކު ބާއްވާ އެ ކޮންފަރެންސްއަކީ އިންތިހާބްތަކާ ގުޅޭ ތަފާތު އެކިކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެއް ކަމަށް ވެސް އިލެކްޝަންސް އިން ބުންޏެވެ.