އިތުބާރުނެތްކަމުގެ މައްސަލައިގައި ފާހަގަކޮށްފައިވާ ސުވާލުތަކަށް ބަންޑަރަ ނައިބު އިބްރާހީމް ރިފްއަތު ޖަވާބު ނުދެއްވާ ކަމަށް ބުނެ އިދިކޮޅު މެންބަރުން އަޑުގަދަކޮށް މަޖިލީހުގެ ނިޒާމު ގެއްލުވާލުމުން މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

އިދިކޮޅު ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ 13 މެންބަރުންގެ ސޮޔާ އެކު އެ މައްސަލަ މިއަދު ތަޅުމަށް ހުށަހަޅައިދެއްވާފައެވެ.

މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައި ވަނީ ބަންޑާރަ ނައިބަށް މަޖިލީހަށް ޖަވާބުދާރީ ވުމަށް 30 މިނެޓު ދިނުމަށެވެ. ކޮމިޓީން ނިންމާފައިވަނީ ބަހުސް ފެށުމުގެ ގޮތުން 10 މިނެޓާއި މެދު ތެރެއިން 10 މިނެޓާއި ބަހުސް ނިންމާލުމުގެ ގޮތުން ފަހު ބަހެއްގެ ގޮތުގައި ވާހަކަ ދެއްކެވުމަށް 10 މިނެޓު ދިނުމަށެވެ.

މިއަދުގެ ޖަލްސާގައި ބަންޑާރަ ނައިބު ވާހަކަދައްކަވާފައިވަނީ ފުރަތަމަ 10 މިނެޓުގައެވެ. އެވަގުތު ކޮޅުގެ ތެރޭގައިވެސް ފަހަރަކު މެންބަރަކު ވަނީ ނިޒާމީ މައްސަލަ ނަންގަވައި ބަންޑާރަ ނައިބުގެ ވާހަކައަށް ހުރަސް އަޅާފައެވެ. އެގޮތުން އެކި އެކި މެންބަރުން ވަނީ ޖުމްލަ 21 ނިޒާމީ މައްސަލަ ނަންގަވާފައެވެ.

ފުރަތަމަ 10 މިނެޓަށް ފަހު ބައެއް މެންބަރުންނަށް ބަހުސް ކުރުމުގެ ފުރުސަތު ދިނުމަށް ފަހު މަޖިލިސް ވަނީ ހުސް ވަގުތަށް މެދުކަނޑާލާފައެވެ. އެއަށްފަހު ޖަލްސާ ފެށިއިރު ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ބަހުސް އަލުން ފެށުމާއެކު ބަންޑާރަ ނައިބު މެންބަރުންގެ ސުވާލު ތަކަށް ޖަވާބު ނުދެއްވާ ކަމަށް ބުނެ ބައެއް މެންބަރުން ނުރުހުން ފާޅު ކުރިއެވެ.

ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދު ވާހަކަދައްކަވަން ފެއްޓެވުމާ އެކު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވަނީ ނިޒާމީ މައްސަލައެއް ނަންގަވާފައެވެ.

އަދި ތަޅުމުގައި އެހެން މެންބަރުން އަޑުގަދަކުރަން ފެށުމާއެކު މެންބަރު ފަޒުލްއަށް ވާހަކަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އެވަގުތު އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެންބަރުން ގެންދެވީ ރިޔާސަތުގެ ކުރިމަތީގައި އަޑުގަދަ ކުރަމުންނެވެ. މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ރިޔާސަތުން ތަކުރާރުކޮށް އިލްތިމާސްކުރައްވައި އެކަން އިސްލާހު ނުވުމުން ރިޔާސަތުން ވަނީ ޖަލްސާ ނިންމާލާފައެވެ.