ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވެއްޖެނަމަ އެމްޑީޕީން ވަކިވެ ސިޔާސީ ހަރަކާތްތަކާ ދުރަށް ދިޔުމަށް ތައްޔާރަށް ހުރި ކަމަށާއި ޕާޓީއަށް ވުރެ އަނބިދަރިން މާ މުހިންމު ކަމަށް އެމްޑީޕީގެ އިސް އެކްޓިވިސްޓް މއ. ކުޑަދުންމާރިގޭ، މުހައްމަދު ސަދުރީ (ދުންމާރި ނާޒިމް) ބުނެފި އެވެ.

އޭނާ މިހެން ބުނީ ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް މިއަދު އުފުލުމުން ދައުވާއާ ގުޅިގެން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުންނެވެ.

"އިއްޒަތްތެރި ގާޒީ ވިދާޅުވެއްޖެ ނަމަ އަޅުގަނޑު ޕާޓީން ވަކިވެ ސިޔާސީ ހަރަކާތްތަކާ ދުރައް ހިނގައިދާނަން. ޕާޓީއަށް ވުރެ އަޅުގަނޑަށް މާ މުހިންމު އަޅުގަނޑުގެ އަނބިދަރިން،" ނާޒިމް ބުންޏެވެ.

ނާޒިމް މިއަދު އެހެން ބުނި ނަމަވެސް ޖުމްހޫރީ ޕާޓީއަށް ސޮއިކުރިތާ 24 ގަޑިއިރު ނުވަނީސް އަނބުރާ އެމްޑީޕީއަށް ސޮއިކުރުމަށް ފަހު އޭނާ ބުނެފައި ވަނީ އެމްޑީޕީގެ އެކްޓިވިސްޓުންގެ ހައްގުގައި އަނބިމީހާއާ ދަރިން ވެސް ދޫކޮށްފާނެ ކަމަށެވެ. އަދި ބުނެފައި ވަނީ ދެން ދުވަހަކު ވެސް އެމްޑީޕީ ދޫކޮށްފައި ނުދާނެ ށެވެ.

އޭނާގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ނާޒިމްގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް މާޗް އެއްވަނަ ދުވަހު ބާއްވަން އުޅުނު ޖަލްސާއާ ދިމާކޮށް އެ ދުވަހު މާލޭގެ މަގުތަކުގައި ކުރި މުޒާހަރާތަކުގެ ތެރެއިން އަލިކިލޭގެފާނުމަގާއި ލިލީމަގު ގުޅުނު ހަތަރު އަނގޮޅީގައި އެއްވެތިބި މީހުންގެ އިސް ސަފުގައި ހުރެ، ދެވުނު ގޮތަކަށް މަޖިލީސް ކުރިމައްޗަށް ދިޔުމަށް އެއްވެތިބި މީހުންނަށް ހިތްވަރުދީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކޮށްފައިވާތީ ކަމަށެވެ.

ދައުވާ ހުށަހެޅުމުން ނާޒިމް ބުނީ ދައުވާއަށް އިންކާރު ކުރާކަމަށާއި މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާއެކު ކަމަށެވެ. ވަކީލެއްގެ ފުރުސަތަކަށް އޭނާ އެދުމުން ގާޒީ ވަނީ އެ ފުރުސަތު އޭނާއަށް ދީފައެވެ.

ދައުވާއަށް ނާޒިމް އިންކާރު ކުރުމުން ދައުލަތުން ވަނީ ދައުވާ އޭނާގެ މައްޗަށް ސާބިތުކުރުމަށް ހަތަރު ފުލުހެއް ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ.

އޭނާ ބުނީ އެ ދުވަހު އޭނާ އަލިކިލޭގެފާނު މަގާއި ލިލީމަގު ގުޅުނު ހަތަރު އަނގޮޅި ސަރަހައްދުގައި ނޫޅޭ ކަމަށާއި އޭނާ އެދުވަހު ހުރީ އެހެން ސަރަހައްދެއްގައި ކަމަށެވެ.

ގާޒީ ވިދާޅުވީ ނާޒިމަކީ ވަރަށް ގިނަ ކުށުގެ ރެކޯޑު އޮތް މީހެއްކަމަށެވެ. އެގޮތުން 1997 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ މައްޗަށް ހުކުމްކޮށްފައި ވާއިރު 1999 ވަނަ އަހަރު ޣައިރުގާނޫނީ އެއްވުމަކުން ދައުލަތުގެ މުދަލަށް ގެއްލުންދިން ކަމުގެ ކުށް ސާބިތުވެ ހުކުމްކޮށްފައިވާކަމަށެވެ. އަދި އޭނާއަކީ ވައްކަމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ރެކޯޑުވެސް އޮންނަ މީހެއްކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.