އުމުުރުން ދުވަސްވީ އިސް ރަށްވެހިންނަށް ސަރުކާރުން ދޭ އިނާޔަތް ބޮޑުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.

އައްޑޫ ސިޓީއަށް މި ސަރުކާރުން ގެންނަ ތަރައްގީ ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޚާއްސަ ޙަފްލާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހެޔޮ ބަދަލު ގެނައުމަށް ޓަކައި މިހާރު ކުރަމުން އަންނަނީ އުސޫލުތައް މުރާޖާކުރުުމުގެ މަސައްކަތް ކަމަށެވެ.

"ދެން އޮތީ ދުވަސްވީ މީހުންނަށް، އަޅުގަނޑުމެންގެ އިސް ރަށްވެހިންނަށް ދޭ އެލަވަންސަށް ގެންނަންޖެހޭ ބަދަލު. އެ ވެސް އަޅުގަނޑުމެން މިހާރު މި ގެންދަނީ މުތާލިއާކުރަމުން. އެއަށް ގެންނަންޖެހޭ ބަދަލުތަކާ އެކީގައި އެއަށް ވެސް ކުރިއަށް އޮތްތަނުގައި އެ ބަދަލުތައް އަންނާނެ. މިހުރީ ކުރިއަށް އޮތް މެނިފެސްޓޯއަށް އަޅުގަނޑުމެން ގެންނާނެ ކުދިކުދި ކަންތައްތަކުގެ ވާހަކަ،" ރައީސް ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ރައީސް ޞާލިހުގެ ސަރުކާރުން ގެންނަ ތަރައްގީ ފާޙަގަކުރުމަށް ބޭއްވި ހަފްލާގައި ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސްކެޕްޝަން..

އެއާ އެކުއެކީ އެ މަނިކުފާނު ވަނީ މީގެ ކުރިން ބޮޑުކުރުމަށް އިއުލާނުކުރެއްވި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތަށް ގެންނަ ހެޔޮ ބަދަލާ ގުޅޭ ގޮތުން ވެސް އުސޫލުތައް މުރާޖާ ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.

"މިއަދު މިތާ ހުރެ އަޅުގަނޑަށް ދަންނަވަން މި ޖެހެނީ އެއާ ބެހޭ ގޮތުން [ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރުމާ ގުޅޭގޮތުން] އަޅުގަނޑުމެން ކުރަންވީ ކަންތައް ނިންމައި ވަރަށް އަވަހަށް އެކަން އިއުލާނުކުރާނެ ވާހަަކަ. އިރާދަކުރެއްވިއްޔާ ހެޔޮ ބަދަލެއް އެކަމަށް އަންނާނެ،" ރައީސް ވިދާޅުވިއެވެ.

މި ދެ ކަމާ ގުޅޭ އިތުރު ތަފުސީލެއް އެ މަނިކުފާނު ނުދެއްވައެވެ.

އައްޑޫ ސިޓީއަށް ރައީސް ޞާލިހުގެ ސަރުކާރުން ގެންނަ ތަރައްގީ ފާޙަގަކުރުމަށް ބޭއްވި ހަފްލާގައި އިސް ރަށްވެއްސެއްް -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދައުލަތުގެ ޕޭ ހާމަނައިޒޭޝަން އުސޫލުގެ ތެރެއިން މުސާރަ ބޮޑުނުވެ ތިބި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަތަކަށް ވެސް ވަރަށް އަވަހަށް ހެޔޮ ބަދަލު އަންނާނެ ކަމަށެވެ.

ރޭގެ ހަފުލާގައި އެ މަނިކުފާނު ވަނީ ދެވަނަ ދައުރެއްގައި ވެސް ވެރިކަން ކުރެއްވުމުގައި އިސްކަންދެއްވާނީ ރާއްޖޭގައި ހަމަޖެހުން ގާއިމުކުުރުމަށް ކަމަށް ދައްކަވާ ވާހަކަތައް ތަކުރާރު ކުރައްވައިފައެވެ. ސަބަބެއް ކަމަށް އެ މަނިކުފާނު ވިދާޅުވީ ތަރައްގީއަށް އެންމެ މުހިންމު ހަމަޖެހުން ކަމަށް ވުމެވެ.

"އެހެންވީމާ މި ފަސް އަހަރެކޭ އެއްގޮތަށް ކުރިއަށް އޮތް ފަސް އަހަރު ވެސް އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ ސުލްހަ، ހަމަޖެހުން، ސްޓެބިލިޓީ، ރާއްޖޭގައި ގާއިމްކުރުން،" ރައީސް ވިދާޅުވިއެވެ.