05 Jun 2023, 10:43
ކުރީގެ ފިލްމީ ބަތަލާ ޕަރްވީން ބާބީގެ ހަޔާތުގެ މައްޗަށް ބިނާ ކޮށްގެން އުފައްދާ ބަޔޮޕިކްއަށް ބަތަލާ އުރްވަޝީ ތައްޔާރުވަމުން އަންނަކަން ކަށަވަރުވެއްޖެއެވެ.
މޮޑެލިންގް ދާއިރާއިން ހިންދީ ސިނަމާއަށް ތަޢާރަފްވި އުރްވަޝީ އަމިއްލަ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ބޮލީވުޑްއިން ބަތަލާ ޕަރްވީން ބާބީ ފެއިލްކުރި ނަމަވެސް ޕަރްވީން ފަޚުރުވެރިވާނެ ފަދަ މީހަކަށް އުރްވަޝީ ވާނެ ކަމަށެވެ.
ކުރީގެ ފިލްމީ ތަރި ޕަރްވީން ބާބީއަކީ 1970 އިން ފެށިގެން 1980 އިގެ އަހަރުތަކާ ހަމައަށް ހިންދީ ސިނަމާގެ އެންމެ ބޮޑު ޑިމާންޑެއް އޭރު އޮތް ބަތަލާއެވެ. ޕަރްވީން ބާބީގެ ފިލްމީ ޙަޔާތުގައި ގިނަ ފިލްމުތަކެއް ކުޅުނު ނަމަވެސް އޭރު ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ބަތަލާގެ އަމިއްލަ ދިރިއުޅުމަށެވެ. އެހެންވެ، ނޫސްތަކުގެ ސުރުހީތަކުން ވެސް ޕަރްވީން ބާބީގެ ޒާތީ ދިރިއުޅުމާ ބެހޭ ޚަބަރުތައް ދޭތެރެދޭތެރެއިން ޖާގަ ހޯދިއެވެ.
އެހެންނަމަވެސް އުރްވަޝީ ޕަރްވީން ބާބީގެ ރޯލުން ފެންނަ ބަޔޮޕިކްގައި ބޮޑަށް ފެންނާނީ ޕަރްވީން ހިންދީ ސިނަމާއަށް ކުޅެދީފައިވާ ކާމިޔާބު ރީތި ފިލްމުތަކުގެ ވާހަކަތައް ކަމަށް އުރްވަޝީވަނީ ބުނެފައެވެ. މި ފިލްމަށް ކިޔާނެ ވަކި ނަމެއް ހަމަޖެހިފައިނުވާއިރު ފިލްމުގެ ވާހަކަ ތައްޔާރުކުރަނީ ދީރަޖް މިޝްރާއެވެ. އަދި، މި ބަޔޮޕިކް ޑައިރެކްޓް ކުރާނީ ވަސީމް އެސް ޚާންއެވެ.
އުރްވަޝީގެ އިންސްޓަގްރާމް ޕޯސްޓާ އެކު ގިނަ ސަޕޯޓަރުންގެ ތަޢުރީފު ބަތަލާއަށް ވަނީ ލިބިފައެވެ. އަދި، ޕަރްވީން ބާބީގެ ދިފާއުގައި ހިންދީ ސިނަމާއިން ނުކުންނަ ފުރަތަމަ ބަތަލާއަކީ އުރްވަޝީ ކަމަށާއި އެ ކަމަށް ޝުކުރު އަދާކުރާ ކަމަށް ބުނެ ބައެއް ސަޕޯޓަރުން ވަނީ ކޮމެންޓު ކޮށްފައެވެ.
ޕަރްވީން ބާބީގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި، "އަމަރު އަކްބަރު އެންތޮނީ"، "ދީވާރު"، "ޝާން" އަދި ފިލްމު "ނަމަކް ހަލާލް" ހިމެނެއެވެ. އަބަދު ވެސް ވަރަށް އެކަނިވެރި ދިރުއުޅުމެއް އުޅެން ލޯބިކުރި ޕަރްވީން ބާބީ މަރުވެފައިވަނީ 2005 ވަނަ އަހަރުއެވެ. ޕަރްވީން މަރުވެފައިވަނީ ހަށިގަނޑުގެ ގިނަ ގުނަވަންތައް ފެއިލްވެ އެކަމަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ޕަރްވީންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ޕްރޮޑިއުސަރު މަހޭޝް ބަޓްވަނީ "ވޯ ލަމްހޭ"ގެ ނަމުގައި 2006 ވަނަ އަހަރު ފިލްމެއް ވެސް އުފައްދާފައެވެ. މި ފިލްމަކީ، މަހޭޝް ބަޓްއާއި ޕަރްވީންގެ ލޯބީގެ ގުޅުމުގެ ހަނދާނުގައި ޕްރޮޑިއުސަރު އުފެއްދި ފިލްމެކެވެ.