އިސްލާމިކް މިނިސްޓްރީ އަށް ހަރަދުތައް ކުރުމަށް ބޭނުންވާ ބަޖެޓް ނުދިނުމުން އެކަމާ ހިތްހަމަނުޖެހިގެން ކުރީގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވާފައިވާ ސިޓީއެއް ލީކުވެއްޖެ އެވެ.

ލީކްވި ސިޓީގައި ޑރ. މަޖީދު ވިދާޅުވެފައި ވަނީ މިނިސްޓްރީއާ މަޝްވަރާކުރުމަކާ ނުލައި މިނިސްޓްރީގެ ބަޖެޓުން ކުރަން ޖެހޭ މުހިންމު ކަންކަމަށް ބަޖެޓްކޮށްފައިވާ ފައިސާގެ ބޮޑުބައެއް ބަޖެޓުން އުނިކޮށްފައިވާ ކަމަށެވެ.

"މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރެމުންދާ ހިދާޔަތުގެ އަލި ޗާޕްކުރުމަށް ހިނގާ ހަރަދުތަކާއި އެމްއެންބީސީ ވަން މެދުވެރި ކޮށްގެން ގެނެސްދޭ ޕުރޮގުރާމްތަކާއި ރޯދަ މަސް އިހުޔާކުރުމުގެ ޕްރޮގުރާމްތަކަށް ހިނގާ ފައިސާ އާއި އިމާމުވެ، ތަރާވީހު ނަމާދު ކުރައްވާ ބޭފުޅުނަށް ދޭން ޖެހޭ އެލަވަންސާއި އަދި ކޮންމެހެން ބޭނުންވާ ހަރަދުތަކަށް ބޭނުންވާ ފައިސާ ވަނީ ނުލިބި،" މި އަހަރުގެ ފެބްރުއަރީ މަހު 5 ވަނަ ދުވަހުގެ ތާރީހުގައި ޑރ. މަޖީދު ސޮއިކުރައްވައި ފޮނުއްވި ސިޓީގައިވެ އެވެ.

މަޖީދު އިތުރަށް ވިދާޅުވެފައި އޮތީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކާއި ވަޒީރުންގެ މަޖިލީހުގެ ނުރަސްމީ ބައްދަލުވުންތަކުގައި ތަކުރާރުކޮށް ބަޖެޓް ހޯދައި ދިނުމަށް އެދިފައިވާނެ ކަމަށެވެ.

ސިޓިގައި މަޖީދު ވިދާޅުވީ "މިނިސްޓުރީގެ ބަޖެޓްގެ ތެރެއިން ފައިސާގެ ކަންކަން ހަމަޖެއްސުމަށާއި މިހާރު ލިބިފައިވާ ފައިސާގެ އިތުރުން އެއްމެ ލާރިއެއް ވެސް ނުލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ފައިނޭންސް ކޮންޓްރޯލާ ވިދާޅުވި" ކަމަށެވެ.

މަޖީދު އިތުރަށް ވިދާޅުވެފައި އޮތީ މަޖީދު އުޅުއްވަނީ އަމިއްލަ ކަމެއް ނުކުރެވިގެން ނޫން ކަމަށާއި ގައުމީ ތަރައްގީގެ އޮނިގަނޑުގައިވާ ކަންތައްތަކުގެ ތެރެއިން މި އަހަރު ތެރޭގައި މި މިނިސްޓްރީން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއް ކުރުމަށް ބޭނުންވާ ފައިސާ ނުލިބިގެން ކަމަށެވެ.

ޑރ. މަޖީދުގެ ސިޓީގައި ހަރަދުތަކުގެ ވާހަކަ ދައްކަމުން މަޖީދު ވިދާޅުވެފައި ވަނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަށް ހަރަދު ކުރުމަށް ކުރިން ތިން މިލިއަން ރުފިޔާ ކަނޑައަޅަފައިވާ ކަމަށާއި ނަމަވެސް މިއަހަރު ކަނޑައަޅާފައި ވަނީ 1.6 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ބަޖެޓް ލިބުނު އިރު އެއިގެން ވެސް އުނިކޮށް ލިބިފައި ވަނީ އެއް މިލިއަން ރުފިޔާ ކަމަށެވެ.

މަޖީދުގެ ސިޓީ ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ މަސައްކަތްކުރައްވަމުން ގެންދަވަނީ ގައުމީ ތަރައްގީގެ އޮނިގަނޑުގައިވާ ކަނަތައްތަކުގެ ކަމަށެވެ.

"މިކަންތައްތައް ކުރުމަށް ބޭނުންވާ ފައިސާ މިމިނިސްޓްރީ އަށް ނުލިބޭ ނަމަ ރައްޔިތުނަށް ކޮށްދޭން ޖެހޭ ހިދުމަތް ނުދެވޭ ނަމަ، ފައިސާ އިން މުސާރަ ނަގައިގެން މިމަގާމުގައި ހުރުމަކީ އަޅުގަނޑު ގަބޫލު ކުރާކަމެއް ނޫން."ޑރ. މަޖީދު ވިދާޅުވި އެވެ.

އެ ސިޓީއަކީ އިސްލާމިކް މިނިސްޓްރީ އިން ފޮނުވާފައިވާ ސިޓީއެއްތޯ ސާފުކުރުމަށް ގުޅި އިރު، އެ މިނިސްޓްރީ އަށް ގުޅި އިރު، އެ މިނިސްޓްރީ އިން ފޯނަށް ޖަވާބު ނުދޭތީ ވަނީ އެ މިނިސްޓްރީގެ ޖަވާބެއް ނުލިބި އެވެ.