05 Jun 2023, 10:31
އައިއޯއެސްގެ ކުރީގެ ވާޝަންތައް ބޭނުންކުރާ އައިފޯން މޮޑެލްތަކަށް އަމާޒުކޮށް، އައިމެސެޖް އެޕްލިކޭޝަން މެދުވެރިކޮށް ދެމުންދާ ސައިބާ އެޓޭކްގެ އާ ނުރައްކަލެއް ފެނިއްޖެއެވެ.
މަޝްހޫރު ސައިބާ ސެކިއުރިޓީ އަދި އެންޓި-ވައިރަސް ފާމް ކެސްޕާސްކީ އިން ޢާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމީހުންގެ އަމިއްލަ ވައިފައި ނެޓްވޯކް މޮނިޓާ ކުރަމުން ދަނިކޮށް ފެނުނު މި މަލްވެއާ އިން ފޯނަށް އިންފެކްޓް ކުރަނީ ލިބޭ އައިމެސެޖެއް މެދުވެރިކޮށް ކަމަށެވެ.
މި ނުރައްކަލުގެ ސަބަބުން އައިފޯން ބޭނުންކުރާ މީހާ އެއްވެސް ކަމެއް ކުރަން ނުޖެހޭއިރު، އައިއޯއެސް ވަލްނަރަބިލިޓީ ބޭނުންކޮށްގެން ޑިވައިސް އާއި ޔޫޒާ ޑޭޓާގެ ފުރިހަމަ ކޮންޓްރޯލް ނަގާ ސްޕައިވެއާއެއް ފޯނަށް އިންސްޓޯލް ވާނެއެވެ.
ކެސްޕާސްކީ ޝާއިއުކޮށްފައިވާ އެ މީހުންގެ ހޯދުންތަކާ ބެހޭ ގޮތުން ނެރުނު ރިޕޯޓްގައި ވާ ގޮތުން އައިމެސެޖް މެދުވެރިކޮށް ފޮނުވާ މެލިސިއަސް އެޓޭޗްމަންޓަކީ ބޭނުންކުރާ ފަރާތުގެ އެއްވެސް ފިޔަވަޅެއް އަޅަން ނުޖެހޭ ގޮތަށް ކޯޑެއް ތަންފީޒު ކުރާ ކަމެކެވެ. އެއަށްފަހު މެލިޝިއަސް ކޯޑުން ޕްރައިވެޓް ޔޫޒާ ޑޭޓާ އެއްކުރުމަށް ކޮމާންޑްތަކެއް ހިންގައެވެ.
އައިއޯއެސް ސައިބާ ހަމަލާއާ ގުޅޭ ގޮތުން ކެސްޕާސްކީގެ ސީއީއޯ ޔޫޖީން ކެސްޕާސްކީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްޕައިވެއާ އިން މައިކްރޯފޯން ރެކޯޑިންއާއި އިންސްޓަންޓް މެސެންޖަރުން ނަގާފައިވާ ފޮޓޯތަކާއި ޖިއޯލޮކޭޝަން އަދި އެހެނިހެން ޑޭޓާ ފަދަ ޕްރައިވެޓް މައުލޫމާތުތައް ނަގައި ރިމޯޓް ސާވާތަކަށް ޓްރާންސްމިޓް ކުރާ ކަމަށެވެ. އެ ކުންފުނިން ވަނީ ސައިބާ އެޓޭކްގެ ނުރައްކަލަކީ "އޮޕަރޭޝަން ޓްރިއެންގުލޭޝަން" ގެ ގޮތުގައި ސިފަކޮށްފައެވެ.
ކެސްޕާސްކީ ވިދާޅުވީ މި މަލްވެއާ ފެނިފައިވަނީ އެތައް މުވައްޒަފުންގެ އައިފޯނުން ކަމަށާއި އައިފޯން ބޭނުންކުރާ އެހެން ފަރާތްތަކަށްވެސް އަމާޒުކުރެވިދާނެ ކަމަށެވެ. އަދި އެ ނުރައްކާ ނައްތާލައި، ނާޒުކުކަމުގެ ތަފްސީލް އެޕަލް އަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އައިމެސެޖްގެ ހިދުމަތް ޑިސެބަލް ކުރުމަކީ ނާޒުކު އައިއޯއެސް ޑިވައިސްތަކަށް ހަމަލާ ދިނުން ހުއްޓުވޭނެ ކަމެއް ކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
އެ ކުންފުނިން ބުނީ މި ޑިވައިސްގައި މެލްވެއާ ކާމިޔާބުކަމާއެކު އިންސްޓޯލް ކުރުމަށްފަހު އިނިޝިއަލް ޓެކްސްޓް އާއި އައިމެސެޖް އެޓޭޗްމަންޓްގައި ހިމެނޭ އެކްސްޕްލޮއިޓް ޑިލީޓްވާ ކަމަށެވެ.
ކެސްޕާސްކީގެ ރިޕޯޓުގައި ބުނެފައި ވަނީ ހަމަލާ މިހާރު ވެސް ކުރިއަށްދާ ކަމަށާއި އައިއޯއެސް 15.7 އަކީ ކާމިޔާބު ކަމާއެކު އަމާޒުކުރި ޑިވައިސްތަކުގެ ތެރެއިން އެންމެ ފަހުގެ ވާޝަން ކަމަށެވެ.
އައިއޯއެސް 16 ހިންގާ އައިފޯން މޮޑެލްތަކަކީ ނުރައްކަލުން ރައްކާތެރި މޮޑެލްތަކެއް ކަމަށް ފެނުނު ނަމަވެސް ކެސްޕާސްކީ ވަނީ އެ ރިޕޯޓުގެ ކޮމެންޓް ސެކްޝަންގައި އައިއޯއެސްގެ އެހެން ވާޝަންތައް ރައްކާތެރި ކަމުގެ ޔަގީންކަން ނުދެވޭނެ ކަމަށް ބުނެފައެވެ.
މިދިޔަ ހުކުރު ދުވަހު ކެސްޕާސްކީ ވަނީ އެ ޑިވައިސް އިންފެކްޓްވެފައިވޭތޯ ބެލުމަށް ބޭނުންވާ ވަސީލަތްތައް ބައެއް ޔޫޒަރުންނަށް ފޯރުކޮށްދީފައެވެ.
މިދިޔަ ފެބްރުއަރީ މަހު އެޕަލް އިން ވަނީ ސަޕޯޓް ކުރާ އައިފޯން، އައިޕެޑް އަދި މެކް މޮޑެލްތަކަށް އައިއޯއެސް 16.3 އަދި މެކްއޯއެސް 13.2 އާ އެކު ބޮޑެތި ސެކިއުރެޓީ ފީޗާސްތަކާއެކު އަޕްޑޭޓްތައް އާންމުކޮށްފައެވެ.
އޭރު އެޕަލް އިން ބުނީ ރިމޯޓް ޔޫޒަރަކަށް އެޕަލް އިން އަޅާފައިވާ ޕްރޮޓެކްޝަންތައް ބައިޕާސްކޮށް، ޔޫޒަރެއްގެ ޕާސަނަލް ޑޭޓާގެ އިތުރުން އެމީހެއްގެ ކެމެރާ، މައިކްރޯފޯން އަދި ކޯލް ހިސްޓްރީއަށް ވަނުމުގެ ފުރުސަތު ފަހިކޮށްދޭ އުނިކަން އެކުންފުނީގެ އެކްސްޕާޓުންނަށް ފެނުނު ކަމަށެވެ. އަދި ފަހުގެ އަޕްޑޭޓްގައި އެކަން ރަނގަޅު ކޮށްފައި ވާނެކަމަށްވެސް އެޕަލްއިން ވަނީ ބުނެފައެވެ.