މި އަހަރުގެ އޭޕްރިލް މަހު 28 ގައި އެމޭޒަން ޕްރައިމްގައި ރިލީޒްކުރި އެމެރިކަން ސްޕައި ތްރިލާ "ސިޓަޑެލް"ގެ އިންޑިއާ ބައިން ބަތަލާ ސަމަންތާ ފެންނާނީ ޕްރިޔަންކާ ޗޯޕްރާގެ މަންމަގެ ރޯލުންކަން ކަށަވަރު ވެއްޖެއެވެ.

މަޝްހޫރު ރުސޯ ބްރަދާސްގެ އެމެރިކަން ވެބް ސީރީސްގެ ލީޑް ރޯލް ތަރިންގެ ތެރޭގައި ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ވެސް ހިމެނެއެވެ.

ސައުތު ސިނަމާގެ ކާމިޔާބު ބަތަލާ ސަމަންތާއާ އެކު "ސިޓަޑެލް"ގެ އިންޑިއާ ވާޝަންއިން ފެންނާނީ އެކްޓަރު ވަރުން ދަވަންއެވެ. ޕްރިޔަންކާ ޗޯޕްރާގެ މަންމަގެ ރޯލްއިން ސަމަންތާ ފެންނާނެކަން ބަތަލާ ކަށަވަރު ކޮށްދީފައިވާއިރު އިންޑިއާ ބައިގައި ގެނެސްދޭނީ މުޅީން ތަފާތު ސްޓޯރީލައިން އެކެވެ. "ސިޓަޑެލް"ގެ އިންޑިއާބައިން ޕްރިޔަންކާގެ ރޯލްއިން ފެންނާނީ ކުޑަ ކުއްޖެއްގެ ރޯލުން ކަމަށް ވެސް އީ-ޓައިމްސް މަޖައްލާއިން ވަނީ ބުނެފައެވެ. މި ބައިގައި އެކްޓަރު ވަރުން ދަވަން ކުޅޭނީ ކޮން ކެރެކްޓައެއްގެ ރޯލެއްކަން އަދި ކަށަވަރެއް ނުވެއެވެ. ރުސޯ ބްރަދާސް ވުޖޫދަށް ގެނެސްދިން "ސިޓަޑެލް ޔުނިވާސް"ގެ އިންޑިއާބައި ޑައިރެކްޓް ކުރާނީ އެމޭޒަން ޕްރައިމްއަށް ކާމިޔާބު ގިނަ ސީރީސްތަކެއް އުފައްދައިދީފައިވާ ރާޖް އަދި ޑީކޭއެވެ.

އިންޑިއާގައި އުފައްދާ "ސިޓަޑެލް"ގެ ބޮޑު ބައެއް ޝޫޓްކުރުމަށް ނިންމާފައިވަނީ އިންޑިއާގެ މުމްބާއިގެ އިތުރުން ނޯތު އިންޑިއާގައެވެ.

މި ދެ ލޮކޭޝަންގެ ޝޫޓިންގްތައް ނިންމާލުމަށް ފަހު އިންޑިއާގެ ޓީމުން އިންޑިއާއިން ބޭރު ޤައުމުތައް ކަމަށްވާ ސާބިއާ އަދި ސައުތު އެފްރިކާގައި މިސީރީސްގެ މުހިއްމު ބައެއް ޝޫޓްކުރާނެއެވެ. އިންޑިއާގެ އުފެއްދުން ރިލީޒްކުރާނެ ވަކި ތާރީޚެއް އިއުލާނު ކޮށްފައިނުވާއިރު މި ވެބް ސީރީސްއަށް ކިޔާނެ ނަމެއް ވެސް އަދި ހަމަނުޖެހެއެވެ.

ބަތަލާ ޕްރިޔަންކާ ޗޯޕްރާއާއި ރިޗަޑް މެޑްން މުހިއްމު ރޯލުން ފެނުނު އެމެރިކަން ސްޕައި ވެބް ސީރީސްގެ ފުރަތަމަ ސީޒަން ފަސް އެޕިސޯޑާ އެކު ވަނީ ނިންމާލައިފައެވެ. ފުރަތަމަ ސީޒަން ނިމުނު ނަމަވެސް މި ސީރީސްގެ ދެވަނަ ސީޒަންއެއް ނެރޭނެކަން ރުސޯ ބްރަދާސްއިން ވަނީ އިއުލާނު ކޮށްފައެވެ.