04 Jun 2023, 22:26
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ބޭނުންވާ ކަންކަން ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ޤާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އ.ތ.މ.)ގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ އައްޑޫސިޓީ ކައުންސިލުގެ އިދާރާގައެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ އ.ތ.މ ކޮމިޓީއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީގައި އަންހެނުންގެ ތަރައްގީއަށް ކުރިޔަށްގެންދެވޭ މުހިންމު ކަންކަމާ ގުޅޭ ގޮތުންނާއި އެ ކޮމެޓީއަށް ކުރިމަތިވާ ދަތި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ އ.ތ.މ ކޮމިޓީއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމެޓީގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ކޮމެޓީތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ކައުންސިލުތަކުގެ ބަޖެޓުން މިހާރު ކަނޑައަޅާފައިވާ އިންސައްތަ މިހާރަށް ވުރެ މަތިކުރުމަށާއި، ސިޓީ ކައުންސިލުތަކުގެ އ.ތ.މ ކޮމެޓީގެ މެންބަރުންނަށް އިތުރު އެލަންވަންސްތައް ހަމަޖެހުން ފަދަ ކަންކަން ފަހިކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން އަންހެނުން އިތުރަށް ބާރުވެރިކުރުމަށް މަގުފަހިކުރުމަށް ކުރަންހުރި އިތުރުކަންކަން މެންބަރުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ އ.ތ.މ ކޮމިޓީއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އަންހެނުންގެ ކޮމެޓީތަކަށް ބޭނުންވާ ކަންކަން ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ގާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކުގެ އިތުރުން ފަހިކުރެވެން ހުރި އިތުރުކަންކަން ބައްލަވައި އެކަންކަން ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވެސް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ އ.ތ.މ ކޮމިޓީއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ރައީސް އައްޑޫސިޓީއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.